ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިއްޖެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ވިދާޅުވީ، މި ސަރުކާރު އައިއިރު ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރު ވަނީ 1.2 ބިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދިފައިކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އަދުގެ ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީން ދެނެގަނެ، އެ މީހުންނަކީ ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށް ހެދުންކަމަށް އަބްދުލްމަޖީދު ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"2023، 17 ނޮވެންބަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތަށް ދައްކަންޖެހޭ ފީ ގަވައިދުން ބަރާބަރަށް ނުދައްކާ އޮތުން. އެ މަސައްކަތް ފެށިއިރުގައި ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް، އެހެންނަމަވެސް މިއަދާ ހަމައަށް 1.2 ބިލިއަން ރުފިޔާ ވަނީ ރިކަވާކުރެވިފައި،" އަބްދުލްމަޖީދު ވިދާޅުވިއެވެ.
މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުން ލިބުނު ކުރިއެރުމެއްކަމަށްވެސް ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ފާހަގަކުރެއްވިއެވެ.