މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައި "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު" މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރަކީ ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ބަލި މީހުންނަށް ފަސޭހަކަމާއެކު ފަރުވާ ފޯރުކޮށްދިނުމަށް ޤާއިމްކުރެވިފައިވާ މަރުކަޒެކެވެ.
މި ސެންޓަރު ހުޅުވުމާ ގުޅިގެން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެފައިވަނީ، މީގެ ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ބަލި މީހުންނަށް ޚާއްސަ ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. "ޑޮކްޓަރަށް ދެއްކުމުގައި ދައްޗެއް ދިމާވާނަމަ، ނުވަތަ ސްޕެޝަލިސްޓުންގެ ލަފާ ބޭނުންވާނަމަ، އެ ސަރަހައްދެއްގެ އަތޮޅު ހޮސްޕިޓަލާ ގުޅިގެން މި ސެންޓަރުން ޚިދުމަތްތައް ފޯރުކޮށްދޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ ޑރ. އަޙްމަދު ޢުމަރު ވިދާޅުވެފައިވަނީ މި ސެންޓަރުން ތެލެސީމިއާ ބަލި މީހުންގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރެވޭނެ ކަމަށެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ތިބި ބަލި މީހުންނަށް ވަކި އުސޫލެއްގެ ދަށުން ގުޅައި، ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބެލޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. އުމަރު އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ތިން މަހަކުން އެއްފަހަރު ހުރިހާ ބަލި މީހުންނަށް ގުޅައި އެ ފަރާތްތަކުގެ ހާލު ބަލާނެ ކަމަށެވެ. އަދި "ގާތުން ޕޭޝަންޓުންގެ ޙާލަތު ބެލި ދޭން ޖެހޭ ފަރުވާ ވަގުތުން ވަގުތަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސެންޓަރުގެ ސަބަބުން ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދީގެން ފުރިހަމަ ގޮތުގައި ފަރުވާ ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ.