ސިވިލް ސަރވިސްގެ މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ކުންފުނިތަކުގެ ޚިދުމަތުގެ މުއްދަތު ހިމެނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ސިވިލް ސަރވިސްގެ މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ކުންފުނިތަކުގެ ޚިދުމަތުގެ މުއްދަތު ހިމެނުމަށް ނިންމައިފި

ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރި މުއްދަތު ހިމެނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. މި ނިންމުން ވަނީ ބުދަ ދުވަހު އާންމުކުރި ސަރކިއުލާއެއްގައި ހާމަކޮށްފައެވެ.

މި އައު ބަދަލާއެކު، މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު ޚިދުމަތުގެ މުއްދަތު ގުނުމުގައި، ދައުލަތުގެ އެހެން މުއައްސަސާތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތުވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައް ކަމުގައިވާ އެސްޓީއޯ، އެމްޓީސީސީ، އެޗްޑީސީ، އެމްއޭސީއެލް އަދި އާރުޑީސީ ފަދަ ކުންފުނިތަކުގައި މަސައްކަތްކޮށްފައިވާ މުއްދަތުވެސް ހިމެނޭނެއެވެ.

މި ބަދަލާ ގުޅިގެން، މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުން އެކަން އެންގުމަށް ކޮމިޝަނުން އަންގާފައިވެއެވެ.

މުވައްޒަފުންގެ ތަޖުރިބާގެ ލިޔުންތައް އަދާހަމަކުރުމަށްޓަކައި، އެ މުވައްޒަފަކު މިހާރު ވަޒީފާ އަދާކުރާ އިދާރާއެއް މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނުގެ ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބައިގައި މަޢުލޫމާތު އަޕްޑޭޓްކުރަންވާނެ ކަމަށް ކޮމިޝަނުން އަންގާފައިވެއެވެ.

މި ބަދަލަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ލުޔެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން މުވައްޒަފުންގެ ޖުމްލަ ޚިދުމަތުގެ މުއްދަތު އިތުރުވެ، ރިޓަޔަރމަންޓް ޕެކޭޖަށް އޭގެ އިޖާބީ އަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން