ކައިވެނިކުރަނީ ކީއްކުރަންކަމާއި ކައިވެނީގެ ބޭނުން ވިސްނުނީ ޢުމުރުން 15 އަހަރުގައެވެ. އެއިރުންސުރެ އަޅުގަނޑު ކުރާ އެއް ދުޢާއަކީ ތަނަވަސްކަން ނެތަސް އަޅުގަނޑު ދެކެ ލޯބިން އަޅުގަނޑު ގެންގުޅޭނެ ފިރިއަކު ދެއްވެވުމެވެ.
އަޅުގަނޑަކީ ތަނަވަސްކަމަށް ލޯބިކުރާ އަންހެނަކީމެއް ނޫނެވެ. އެންމެ ކުޑައިރުވެސް އަޅުގަނޑު ޤަބޫލުކުރަނީ ތަނަވަސްކަމަކީ އެންމެ މުހިންމު ކަންތައް ނޫން ކަމަށެވެ. އެންމެ މުހިންމީ ލޯބިން ޒަވާޖީ ހަޔާތް ހޭދަކުރެވުން ކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑުގެ ޢުމުރުން 20 އަހަރުގައި މީހަކަށް ސަމާލުކަންދޭން ފެށުނެވެ. އެއީ އޮފީސް ނިމިގެން ގެއަށްދާ މަގުމަތިން ފެންނަ ޒުވާނެކެވެ. ވަރަށް އާދައިގެ ގޮތަކަށް ހެދުންލައިގެން ހުންނަ މީހެކެވެ. އެކަމަކު އަބަދުވެސް ހުންނާނީ ވަރަށް ސާފުތާހިރުކޮށެވެ. ދުއްވަނީވެސް ބައު ސައިކަލެކެވެ.
އޭނާގެ ޢުމުރު ލަފާކުރެވެނީ 20-25 ގައިވާނެ ކަމަށެވެ. އެކަމަކުވެސް ނަމާދުކުރާތީ ނިތްކުރީގައިލާ ކުރަ އޭނާގެ ނިތްކުރީގައި ހުރެއެވެ. އެހެންވެ ނަމާދުކުރާ ރަނގަޅު މީހެއްކަމަށް ޤަބޫލުކުރެވުނުކަން އެއީ އޭނާއަށް ސަމާލުކަން ދެވުނު އެއް ސަބަބެވެ.
ބައްދަލުވުމުން އޭނާވެސް ހިނިތުންވެލައެވެ. އަޅުގަނޑުވެސް ހިނިތުންވަމެވެ. މިހެން އުޅެމުން ގޮސް ދެމީހުންގެ މެދުގައި ވާހަކަދެކެވެން ފަށައިފިއެވެ. މަޑުމަޑުންގޮސް ގުޅުން ކުރިއަރައިފިއެވެ. ނަމަވެސް ދުވަހަކުވެސް އެކަހެރިކޮށް ބައްދަލުވެއެއް ނުއުޅެމެވެ.
އެގޮތަށް 2 އަހަރެއްހައި ދުވަސް ފާއިތުވުމަށްފަހު ކައިވެނިކުރަން އޭނާ ބޭނުންވުމުން އަޅުގަނޑު އެއްބަސްވީމެވެ. އެއިރުވެސް އޭނާގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޢާއިލާ އާއިބެހޭ ގޮތުން މާގިނަ ކަންތައްތަކެއް ނުއެނގެއެވެ. އެކަންކަން އަޅުގަނޑު ވަކީލްކުރީ ﷲ އަށެވެ.
ފިރިމީހާއަކީ ތަނަވސްމީހެއްގެ ހުރި ހަމައެކަނި ދަރިފުޅުކަން އެނގުނީ ކައިވެނިކުރުމުގެ ކަންކަން ކުރިއަށްގެންދެވެން ފެށުމުންނެވެ. ތަނަވަސް މީހެއްކަން އެނގުމުން ކުޑަކޮށް ބިރުވެސްގަތެވެ. އެއީ ތަނަވަސްކަން ލިބިގެންތިބޭ ގިނަ މީހުންގެ ޢަމަލުތައް ފެންނަ ގޮތުންނެވެ. އެކަމަކުވެސް އެއްބަސްވެވިފައި އޮތުމުން އިތުރަށް އެކަމަކަށް ނުވިސްނަމެވެ. އަޅުގަނޑު އިތުބާރުކުރީ އަޅުގަނޑު ކުރަމުން އައި ދުޢާއަށެވެ.
ކައިވެނި ކުރެވި ކައިވެންޏަށް މިހާރު 21 އަހަރުވީއެވެ. އަޅުގަނޑުމެން ދެމަފިރިންނަކީ 7 ދަރިންގެ މައިންބަފައިންނެވެ. ފަޚުރުވެރިންނެވެ. ﷲ ގެ ރަހްމަތްފުޅުން ބަދަލެއް ނައިސް ލޯބިން އުޅޭ ދެމަފިރިންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ތަނަވަސްކަމަށް ނުއެދުނަސް ﷲ އަށް ކިޔަމަންތެރިވީމާ ތަނަވަސްކަންވެސް ދެއްވަވާނެތެވެ. އަދި ލޯބިވެސް ދެއްވަވާނެތެވެ. ﷲ އަށް ކިޔަމަންތެރިވެ ދުޢާކުރާ އަޅުންދެކެ ﷲ ލޯބިވެވޮޑިގަންނަވާކަން އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ. ކިޔުންތެރިންވެސް ތަޖުރިބާކޮށްލައްވާށެވެ!
އުންމީދުކުރަނީ އަޅުގަނޑު މިކިޔައިދިން ވާހަކަކޮޅު ކުރުނަމަވެސް ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް