އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ "އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް އިއްޔެ ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.
މި ޕްރޮގްރާމަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އާންމުންނަށް އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ފޮޓޯ ހުންނަންވާނެ ގޮތާއި، ސްޕޮންސަރޝިޕް ޑެކްލެރޭޝަން އަކީ ކޮބައިކަމާއި، ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާނެ ގޮތްފަދަ އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް އާންމުންނާ ހިއްސާކުރެވިގެންދާނެއެވެ.
އިމިގްރޭޝަން އިންސައިޓްސްގެ އެޕިސޯޑުތައް މި ސެޕްޓެމްބަރު މަހު ތެރޭގައި ފެށިގެންދާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ. މި ޕްރޮގްރާމްގެ ސަބަބުން އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.