މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެ ވުޒާރާއިން ޝާއިޢުކުރި 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ދަރަނީގެ ބުލެޓިނުން ދައްކާގޮތުގައި، ދަރަނި މެނޭޖްކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު ވެސް ވަނީ ހަރުދަނާ މަގެއްގައެވެ.
ބުލެޓިނުގައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް (ޕީޕީޖީ) ޑެޓް ނުވަތަ ޖުމްލަ ދަރަނި ހުރީ 148.9 ބިލިޔަން ރުފިޔާގައެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ 124 އިންސައްތައެވެ.
މި މުއްދަތުގެ ތެރޭގައި، ސަރުކާރުން ވަނީ މުހިންމު ދާއިރާތަކުގައި ކުރިއަށްދާ މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން 2.6 ބިލިޔަން ރުފިޔާ ދޫކޮށްފައެވެ. މީގެ އިތުރުން ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަށާއި މުހިންމު ތަރައްޤީގެ އިސްކަންދޭ ކަންކަން ކުރިއަށް ގެންދިއުމަށް ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިވާކަމާއި، އަދާކުރަންޖެހޭ ދަރަނި ޤަވާއިދުން ދެއްކުމަށާއި ފައިނޭންސިންގ ޕާޓްނަރުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން ދޭ އިސްކަމެވެ.