މާލޭ އުތުރު ފަރާތުފަޅު ބޭނުންކުރަމުން އައި އުޅަނދުތަކަށް ހެންވޭރު ފެރީ ޓާމިނަލު ސަރަޙައްދު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މާލޭ އުތުރު ފަރާތުފަޅު ބޭނުންކުރަމުން އައި އުޅަނދުތަކަށް ހެންވޭރު ފެރީ ޓާމިނަލު ސަރަޙައްދު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާ ގުޅިގެން އެ ސަރަޙައްދުގައި ހުރި ފަޅު ބަންދުކުރެވިފައިވުމާއެކު، އެ ސަރަޙައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ހެންވޭރު ފެރީ ޓާމިނަލު ސަރަޙައްދު ބޭނުންކުރެވޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.

އެމްޓީސީސީން މިކަން މިގޮތަށް ހަމަޖެއްސެވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢު ފެށުމާއެކު އެ ސަރަޙައްދާ އިންވެގެން އޮންނަ ފަޅު ބަންދުކުރެވިފައިވާތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މި އިންތިޒާމުގެ ދަށުން، އަތޮޅު ފެރީ ލޯންޗުތަކުން މީހުން އަރުވާ ބޭލުމަށް ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ފަޅުގެ ސަރަޙައްދު މިހާރު ބޭނުންކުރެވޭނެއެވެ.

އަތޮޅު ފެރީ ލޯންޗުތަކުން ދަތުރުކުރާ ފަރާތްތަކަށް އަމާޒުކޮށް، އެމްޓީސީސީން ވަނީ ޚާއްސަ އިލްތިމާސްއެއް ކުރައްވާފައެވެ. އެގޮތުން، ފުރުމުގެ 10 މިނިޓް ކުރިން ފަޅަށް ވަދެ މީހުން އެރުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި ބަދަލާއެކު، ކުރިން ބޮޑުތަކުރުފާނު މަގުގެ ސަރަޙައްދުގައި ހުރި ފަޅު ބޭނުންކުރަމުން އައި އުޅަނދުތަކަށް ދިމާވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން