މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ތުހުމަތުގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ.
ފުލުހުން ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، މި މީހުން ހައްޔަރު ކުރެވުނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ތުހުމަތުގަ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދުގެ އަމުރުގައިވާ ގޮތުން، މި މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ.
ފުލުހުން ވިދާޅުވީ، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމްވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރުގައި ހުންނަ ގެއެއް ފުލުހުން ސެޕްޓެމްބަރ 3 ވަނަ ދުވަހު ވަނީ ބަލައި ފާސްކޮށްފަ އެވެ. މި ބަލައި ފާސްކުރުމުގައި އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. މޯނިންގވިޔު، އުމުރުން 30 އަހަރުގެ އަހްމަދު ނަވާޒާއި، ހަމަ އެގެއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އިބްރާހީމް ޒައިދާން، އަދި ލ. މާބައިދޫ، ބަށިމާގެ، އުމުރުން 22 އަހަރުގެ މުހައްމަދު ޝިދާދެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ދެ އެވެ.