އަޅުގަނޑު ދިރިއުޅެނީ ހުޅުމާލޭގައެވެ. ކައިވެނިކޮށްގެން އުޅެނީ ދެއަންތބަށެވެ. ފިރިމީހާ ވަޒީފާއަދާކުރަނީ މާލޭގައެވެ. ދޮށީ އަނބިމީހާ އިންނަނީ މާލޭގައެވެ. އެހެންވެ ފިރިމީހާއަށް ގިނަ ވަޤުތު ހޭދަކުރެވެނީ ދޮށީ އަނބިމީހާއާއިއެކުގައެވެ.
ރޭކުރުމުގައިވެސް ހަމަހަމައެއް ނޫނެވެ. ނަމަވެސް ޝަކުވާއެއް ނުކުރަމެވެ. ތިން ރެއިން އެއް ރޭ އަޔަސް ބަހެއް ނުބުނަމެވެ. ކެތްތެރިވެގެން އިންނަނީއެވެ. އެހެން އިންދައި ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާ އައުން ކުރިއަށްވުރެވެސް މަދުކޮށް ހަފްތާއަކު އެއްރޭ އަންނަން ފެށިއެވެ. އެވަރުންވެސް ކުނި މޫނެއް ނުދައްކަމެވެ. އެކަމަކުވެސް އެކަން އެހެން އެވަނީ ދޮށީ އަނބިމިހާގެ ސަބަބުންކަން ވިސްނި ވަރަށް ދެރަވެއެވެ.
ސަބަބު ކޮންމެ ކަމަކަށްވިޔަސް ފިރިމީހާ ލޮލަށް ނުފެނި ޙާލުވެސް ބަލައިނުލާ މަސްދުވަސް ފާއިތުވެގެން ދިއުމުން ލިބުނު މާޔޫސްކަން ފިލުވައިލަން އަސްތަޣްފާރުކުރަން ފެށީމެވެ. ވަކި ޢަދަދަކަށް ނޫނެވެ. ކުރެވޭ އެންމެ ގިނައަކަށެވެ. މަދުވެގެން ދުވާލަކު 1000 ފަހަރަށްވުރެ ގިނަކުރަން މަސައްކަތްކުރީމެވެ.
އެގޮތަށް ކަންތައް ކުރަންފެށިތާ 4 ވަނަ ދުވަހުގެ ރޭ ފިރިމީހާ އައެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ނަމަވެސް ލޯބިޑޭން ވަރަށް އުނދަގޫވިއެވެ. ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އެކަން ފިރިމީހާއަށް ވިސްނި މާފަށް އެދުނެވެ. އެއިގެ ފަހުން ދެރެއިން އެއްރޭ އަންނަން ފެށިއެވެ.
އެހިސާބުންވެސް އަސްތަޣްފާރުކުރުން ހުއްޓައެއް ނުލަމެވެ. ގެންދިއައީ ކުރިއަށެވެ. ވީގޮތެއް ނުއެނގެއެވެ. 3 މަސްވެސް ނުވަނީސް ދޮށީ އަނބިމީހާ އަމިއްލައަށް އެދިގެން ވަރިވެއްޖެއެވެ. އެއިގެ ފަހުން 4 އަހަރުވީއެވެ. ފިރިމީހާ އިތުރު ކައިވެންޏެއް އަދި ނުކުރެއެވެ. އެބާވަތުގެ ވާހަކައެއްވެސް ނުދައްކައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާކޮށްމިލީ އަޅުގަނޑަށް އުޅެންޖހުނު ފަދަ ހިތްދަތި ދިރިއުޅުމެއް އުޅެންޖެހިފައިވާ އަންހެނުންނަށް ފައިދާއެއް ކުރާނެ ކަމަށެވެ.
- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ކިޔުންތެރިޔާ އެވިދާޅުވެދެއްވީ އޭނާއަށް ކުރެއްވުނު ތަޖުރިބާއެވެ. އޭނާ އެކުރީ ވަރަށް ހެޔޮ ޢަމަލެކެވެ. އަސްތަޣްފާރުކުރުން ގިނަކުރުމަށްވުރެ ބާރުގަދަ ހަދިޔާރެއް އެއްވެސް ކަމަކަށް ނުވެއެވެ. ނަމަވެސް ކަންކަން އެކި މީހުންނަށް ހިންމަވައި ދެއްވަވާނީ އެކި މުއްދަތުންކަން ޤަބޫލުކުރަންވާނެއެވެ. ލަސްވިޔަސް ނާއުންމީދުވެގެނެއް ނުވާނެއެވެ.