ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާއަށް ލަނޑުދީފިނަމަ ރޮމުން ފަހަތުން ހިނގަން ނުޖެހިނުދާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާއަށް ލަނޑުދީފިނަމަ ރޮމުން ފަހަތުން ހިނގަން ނުޖެހިނުދާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ފައިސާއަކީ ނުވަތަ ތަނަވަސްކަމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ދެކެން ފެށި ހިސާބުން އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަނީ ޒަވާޖީ ޙަޔާތަށެވެ. ޢާއިލީ ދިރިއުޅުމަށެވެ. އެކަމުގެ ތެރެއިން ހިނގަމުން އަންނަ ވަރަށް ދެރަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ.  

އަނބިމީހާގެ އަމިއްލަ މަސައްކަތުން ފިރިމީހާއަށްވުރެ ގިނަ ފައިސާ ހޯދާނަމަ އެއަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާކަން އެބަދައްކައެވެ. އެގޮތަށް ދިރިއުޅެމުން ދަނިކޮށް ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އަނބިމީހާއަށް ލިބޭ އާމްދަނީ މަދުވެއްޖެނަމަ ނުވަތަ ވަޒީފާ ގެއްލިއްޖެނަމަ ލޯބިވުންވެސް އެބަ ގެއްލުވައިލައެވެ.  

ފުރަތަމަ ކަމަކީ އަނބިންނަށް ލިބޭ ޢާމްދަނީއަކީ އޭނާ ހިތުން ރުހުމުން ނުދޭހައި ހިނދަކު ފިރިމީހާއަށް އަތްވެސް ލެވިގެންވާނެ އެއްޗެއް ނޫނެވެ. އެހެންވީމާ އެފަދަ ފިރިން އަނބިމީހާ ދެކެ ލޯބިވާކަން ދައްކަނީ އަނބިމީހާ ހައްދާލައިގެން އޭނާއަށް ލިބޭ ފައިސާކޮޅު އަތުލަން ކަމަށްވެއްޖެނަމަ އެއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ. ހެދޭ ވަރަށް ބޮޑު މަކަރެކެވެ.  

ދާދިފަހުން އަހުރެންގެ ގާތުގައި އެކުވެރި އަންހެނަކު ކުރި ޝަކުވާއެއްގައި ބުނެފައިވެއެވެ.  

"އަހުރެންނަކީ ރަނގަޅު މުސާރައެއް ލިބެމުން އައި އަންހެނަކީމެވެ. ފިރިމީހާ ބުނަމުން އައީ ގޭގެ ޚަރަދުތއް އަޅުގަނޑަށް ލިބޭ މުސާރައިން ކުރުމަށެވެ. އޭނާއަށް ލިބޭ މުސާރަ އޭނާގެ އެކައުންތަށް ޖަމާކޮށް އެއީ ދެމީހުންގެ ސޭވިންގއެއް ކަމަށް ބަލާނީއެވެ. ގިނަވެ މަސައްކަތެއް ފެށޭވަރުވީމާ ދެމީހުންގެ ޙިއްޞާ އެއްވަރުވާ ގޮތަށް މަސައްކަތެއް ފަށާނީއެވެ.  

އެކަމަށް ޔަޤީންކަން ދިނުމުގެ ގޮތުން ފިރިމީހާގެ ކޭޝްކާޑުވެސް އޮންނަނީ އަޅުގަނޑުގެ އަތަށް ދީފައެވެ. ކުރެވުނު އިތުބާރު ބޮޑުކަމުން ކަންކަން ކުރަމުން އައީ ފިރިމީހާ އެދުނު ގޮތަށެވެ. 5 އަހަރުވީއިރު ފިރިމީހާގެ އެކައުންޓުގައި ފުދޭވަރެއްގެ ޢަދަދަކަށް ފައިސާ ހުއްޓެވެ. އަޅުގަނޑުގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތެވެ.  

ކުއްލިއަކަށް އަޅުގަނޑު ވަރިކޮށްލައި ގެއިން ނެރެލީއެވެ. ފިރިމީހާގެ އެކައުންޓުގައި ހުރި ފައިސާ ދެމީހުންނަށް ބަހަން ބަލައިލިއިރު އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތެވެ. ވަރިކުރި ދުވަހު ވަރިކުރުމުގެ ކުޑަ ވަޤުތުކޮޅެއް ކުރިން ވަނީ ހުރިހާ ފައިސާއެއް ޢޭނާގެ އެހެން އެކައުންޓަކަށް ބަދަލުކޮށްފައެވެ. ގެއިން ނުކުންނަމުން ގެންދަން އަޅުގަނޑަށް ލިބުނީ 3 އަހަރުގެ ދަރިފުޅު އެކަންޏެވެ."  

އަޅައެއް ނުލަމެވެ. ﷲ އަށް ވަކީލްކޮށްލާފައި ގެއިން ނުތީއެވެ. ނުކުމެގެންގޮސް ވަންނާނެ ކޮޓަރިއެއް ކުއްޔަށް ހިފީވެސް އޮފީހުން ލޯނެއް ނަގައިގެންނެވެ. ނަޞީބަކުން 2،3 ދުވަހެއްގެ ތެރޭގައި މުސާރަ ލިބުނީތީ ސަލާންޖަހާކަށް ނުޖެހުނެވެ.  

ޙަޔާތުން ގެއްލުނު ދުވަސްތަކަކަށް ނުވިސްނަމެވެ. އަދި ހުރިހާ ފިރިންނަކީ ނުބައިވާނެ ބައެއް ކަމަކަށްވެސް ނުބަލަމެވެ. 2 ވަނަ ކައިވެނި ކުރީމެވެ. އަލުން އައު ޙަޔާތެއް ހޯދަން މަސައްކަތް ފެށީމެވެ. 

ދެމީހުން ކުރި މަސައްކަތުން 3 އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެވުނެވެ. ކުޑަ ވިޔަފާރިއެއް ފެށީމެވެ. 7 އަހަރުވީއިރު ކުޑަ ބިންކޮޅެއް ގަނެ 3 ފޮލޮރ ނިންމިންޖެއެވެ. އެންމަމަތީގައި ދިރިއުޅެނީއެވެ. ދެވަނަ ފްލޮރގައި ގުދަނެވެ. ތިރީބައިގާ ކުޑަ ފިހާރައެކެވެ.  

ޖެހިގެން އައި އަހަރު ދަރިފުޅުގެ ބައްޕަ (އަޅުގަނޑުގެ ކުރީގެ ފިރިމީހާ)އަށް އޭނާގެ ދަރިއަކު ހުންނަކަން އެނގިގެން ބައްދަލުކުރަން އައެވެ. ހުރީ ވަރަށް ބަލިޙާލުގައެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތިއެވެ. އަޅުގަނޑަށް ލަނޑުދީފައި ލޯބިވެގެން އިން އަނބިމީހާ ފައިސާކޮޅު ހިފައިގެން ފިލީއެވެ. 

ދެރަވެސްވިއެވެ. ނަމަވެސް އޭނާ އާއި ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ނިކަމެތިކަން ބަޔާންކޮށް އަލުން ގުޅުމަށް އެދި ރޮއި ކުރިއާދޭސްކުރާ އަޑުއަހަން އަޅުގަނޑުގެ ކަންފަތް އެއްބަސްނުވީމާ ޖެހުނީ މަރުޙަބާކިޔަން ހުޅުވި ދޮރުލައްޕާފައި އެކަނި އެތެރެއަށް ވަންނާށެވެ!" 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހަޅައިލީ މިފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު މިފަދަ ކަންކަމަށް ސަމާލުކަން އިތުރުކުރަން ލޮބުވެތި ކިޔުންތެރިންގެ ގާތުގައި، ޚާއްޞަކޮށް ކަނބަލުންގެ ގާތުގައި ބުނެލުމަށެވެ. ވިސްނައިފިނަމަ ފައިދާތަކެއް ކުރާނެއެވެ. އިން ޝާ ﷲ

 

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން