މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް، ދަޢުލަތަށް އޭޓީއެފް (އެއަރޕޯޓް ޓެކްސް އަދި ފީ) ގެ ގޮތުގައި 2 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ބޭރުގައުމުތަކަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ދެ ބާވަތެއްގެ ޓެކުހެއް ނުވަތަ ފީއެއް ވެއެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދަޢުލަތަށް 1.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 745 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 52.5 އިންސައްތައިގެ އިތުރުވުމެކެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު ނެގޭއިރު، ބިދޭސީންގެ އަތުން 50 ޑޮލަރު ނެގެއެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގޭއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން 240 ޑޮލަރު ނެގެއެވެ. އަދި ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން 480 ޑޮލަރު ނެގެއެވެ.
މި އަދަދުތަކުން ދައްކައިދެނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރަމުން އަންނަ މިންވަރާއި، ދަޢުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަމެވެ.