މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް އުނގޫފާރުގައި ފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް އުނގޫފާރުގައި ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އިންތިޒާމްކޮށްގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި މި ކޭމްޕްގައި އެކި ސްޕެޝަލިޓީތަކުން ޑޮކްޓަރަށް ދެއްކުމާއި، ސަރޖިކަލް އޮޕަރޭޝަންތައް ކުރުމުގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ތަމްރީނު ދިނުމާއި، ހޮސްޕިޓަލުގެ ކްލިނިކަލް އަދި ފަންކްޝަނަލް ކެޕޭސިޓީ އެސެސްކުރުން ހިމެނެއެވެ.

މި ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ސިކުނޑިއާއި ނާރުގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ އިތުރުން، ގޮހޮރު، ކެންސަރު، ކުޑަކަމުދާ ނިޒާމު، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އަދި ލެޕްރޮސްކޮޕިކް، ހޭނެއްތުމާއި، އަދި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުންނެވެ.

އެމްސީޖީއެޗްއިން މީގެ ކުރިން ވެސް ވަނީ ލ. އަތޮޅާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިފަދަ ކޭމްޕްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕްތަކުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި، އެމީހުންގެ ރަށުން ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ލިބިގެންދާނެއެވެ.

މި ކޭމްޕް މި މަހުގެ 5 އިން 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، ހެލްތް މިނިސްޓްރީއާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން އެމްސީޖީއެޗްއިން ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން