އެއީ ޢުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. ކައިވެނިކޮށް އުފަލުގައި ދިރިއުޅުމަށްޓަކައި ބުރަކޮށް މަސައްކަތްކޮށްގެން ފްލެޓެއްވެސް ގަތެވެ. ފްލެޓަށް ފަރުނީޗަރުވެސް ގަނެ ހަމަކުރިއެވެ.
އެކަންކަން ފުރިހަމަ ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނުތަނާ ތަންކޮޅެއް ބޮޑަށް ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ދިނީ މީހަކަށް ލިބޭނެ އެންމެ ހިތާމަވެރި ޚަބަރެވެ. އެއީ ޖެހިފައިވާ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން ދުނިޔޭގައި ހުރެވޭނީ ދާދި މަދު ދުވަސްކޮޅަކު ކަމުގެ ޚަބަރެވެ.
އޭނާ ދެރައެއް ނުވެއެވެ. އަނެއް ދުވަހުން ފެށިގެން އޮފީހުން އައިސް ކުރަން ފެށިކަމަކީ ދިރިއުޅެން ހޯދިތަކެތި ފަޤީރުންނަށް ބެހުމުގެ މަސައްކަތެވެ. އެއްޗެތި ހުސްވަންދެން ހިނިތުންވެގެން ހުރެ ކޮންމެ ދުވަހަކުވެސް އޭނާކުރީ އެކަމެވެ. މަރުވުމުން ފްލެޓްވެސް ޔަތީމްކާނާއަކަށް ހަދިޔާކުރިއެވެ. ނުބަހައި ބެހެއްޓީ ސިޓިންގ ރޫމްގައި ހުރި ސޯފާ އެކަންޏެވެ. އެއީ އޭނާ މަރުވަންދެން ނިދައިލުމަށެވެ.
3 މަސް ފާއިތުވުމުންވެސް މަރުނުވީމާ ޑޮކްޓަރު ގާތަށް ގޮސް ޢުމުރުގައި ދެން ބާކީއޮތީ ކިހައި ދުވަހެއްތޯ ސުވާލުކުރުމުން ޓެސްޓްތައް ހަދާފައި ބުނީ ކުރިން ފެނުނު ބަލީގެ އެއްވެސް ނިޝާނެއްވެސް މިހާރު ފެންނަން ނެތް ކަމަށެވެ. ހިތްހަަމޖެހިގެން ހުރުމަށެވެ.
ލިބުނު އުފާވެރި ޚަބަރާއެކު އެނބުރި ގޮސް ފްލެޓަށް ވަންނަން ބަލައިލިއިރު ދޮރުމަތީގައި ޒުވާނަކު ހުއްޓެވެ. ބުނީ ވާހަކަ ދައްކާލަން ބޭނުންވާ ކަމަށެވެ. އެތެރެއަށް ވައްދައި ސޯފާގައި ބެއިންދުމުން ބުންޏެވެ. "ތިބާގެ ހުރިހާ އެއްޗެއް ބަހައި ހެދިއިރު އަހުރެން ތިބާއަށް ފާރަލީމެވެ. ތިބާ ފްލެޓް ހަދިޔާކުރަންގޮސްހުރެ ދެއްކި ވާހަކައިން އެތަކެތި ތިބާ ބަހައިލީ ކީއްވެގެންކަން އެނގުނެވެ. ތިބާއަށް އަހުރެން ނުފެނުނަސް އެތަނުގައި އަހުރެން ހުރީމެވެ. އެޔަތީމް ޚާނާއަކީ އަހުރެންގެ ތަނެކެވެ.
އެދުވަހުން ފެށިގެން އަހުރެން މިއަންނަނީ ތިބާއަށް ފާރަލަމުންނެވެ. މިއަދު ހޮސްޕިޓަލަށް ދިއުމުން ކަންތައްވީގޮތްވެސް އެނގެއެވެ. އަހުރެން އައިސް މިހުރީ ވަރަށް ބޮޑު ކަމަކު އެދޭށެވެ. މިފްލެޓުން ތިބާ ނެރެގެން ގެންދާށެވެ. އަހުރެންގެ ތަނަވަސް ބޮޑު ގެއަށެވެ. އެގޭގެ ރާނީގެ ދަރަޖަދޭށެވެ. ބޭނުންނަމަ މިހާރުވެސް އަހުރެންނާއިއެކު ނުކުމެގެން ހިނގާށެވެ. އިތުބާރު ނުކުރާނަމަ ކައިވެނިކޮށްގެންވެސް ދެވިދާނެއެވެ. ކައިވެނީގެ ހަފްލާ ބާއްވާނީ ފަސްތަރީގެ ހޮޓަލެއްގައެއް ނޫނެވެ. އަހުރެން ހިންގާ ޔަތީމްޚާނާގައެވެ. ދަޢުވަތުދޭން އެއަށްވުރެ ރަނގަޅު ބައަކު ނުތިބޭނެއެވެ. އަހުރެންގެ ޢާއިލާއަކީވެސް އެއީއެވެ. އެއީ އެކަންކުރަން ކުރިންވެސް އަހުރެން ނިންމައިގެން ހުރި ގޮތެވެ."
އަންހެނާގެ ޖަވާބަކަށްވީ ލަސްވެގެން މާދަމާރޭ ކައިވެނިކުރާނެނަމަ މިހުރީ މިހާރުވެސް އެކުގައިދާށެވެ. ގެންދާނެ އެއްޗެއްވެސް ނެތެވެ. ލައިގެން މިހުރި ހެދުމުގެ އިތުރަށް އޮތީ އެންމެ ހެދުމެކެވެ.
އަންހެނާ އެދުނު ގޮތަށް ޖެހިގެން އައިރޭ ކައިވެނިކުރެވުނެވެ. އަދާކުރަމުން އައި ވަޒީފާއިން ވަކިވެ ފިރިމިހާއާއިއެކު ޔަތީމްޚާނާ ހިންގުމުގެ މަސައްކަތްކުރަން ފެށިއެވެ.
މިއީ އަހުރެން ބެލި ވީޑިއޯއެއްގައި ކަންކަންވީގޮތެވެ. ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. ހަމައެންމެ ވާހަކައެއް އިތުރަށް ބުނެލާނަމެވެ. އެއީ މިމަރުވަނީކަން އެނގޭއިރުވެސް މީހުންނަށް އެއްޗެތިތައް ބެހީ ހިނިތުންވެގެން ހުރެއެވެ. ވީމާ ހިނިތުންވެގެން ހުންނަ ކޮންމެ މީހަކީ އުފާވެރިކަމުގައި ދިރިއުޅޭ މީހަކުކަމަށް ނުވިސްނާށެވެ!
- ޢަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ