ފާފަކުރުން ހުއްޓާލަން މަސައްކަތްކުރާއިރަށް ޝައިޠޯނާ ހުރަސްއަޅާތީ ޝައިޠޯނާގެ ކިބައިން ސަލާމަތްވުން އެދިގެން ޒުވާނަކު ކުރި ދުޢާ! ވަރަށް ކާމިޔާބު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ފާފަކުރުން ހުއްޓާލަން މަސައްކަތްކުރާއިރަށް ޝައިޠޯނާ ހުރަސްއަޅާތީ ޝައިޠޯނާގެ ކިބައިން ސަލާމަތްވުން އެދިގެން ޒުވާނަކު ކުރި ދުޢާ! ވަރަށް ކާމިޔާބު! އިން ޝާ ﷲ

ފާފަތައް ކުރަން ފެށެނީ ހުއްޓާލަން ބޭނުންވުމުން ހުއްޓައިލެވޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް ދެވިހިފުމުން ހުއްޓައިލުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންވެ ކުރަން ދެވިހިފާފައި ހުންނަ ބައެއް ފާފަތައް ކުރުމުން ސަލާމަތްވާން އުނދަގޫވާތީ ޢަމަލުކުރާނެ ގޮތަކާއި ބެހޭ ގޮތުން ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރެއެވެ. އެހެންވެ އެކަމަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިގެނެސްދެނީ ޒުވާނެއްގެ ތަޖުރިބާއެވެ! ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އަހަރެންނަކީވެސް ޒުވާން އުމުރުގައި ފާފަތަކެއް ކުރެވުނު މީހެކެވެ. މީހުންނަށް ގެއްލުން ދިނުން ފިޔަވައި އެހެން ހުރިހާ ފާފަތަކެއް ކުރެވުނު މީހެކެވެ. ފާފަތައް ކުރުމުގެ ނުބައިކަން ވިސްނި އެކަންކަމުގެ ތެރެއިން ނުކުންނަން މަސައްކަތްކުރިވަރަކަށް ހުރަސްތައް އައީ ކުރިމަތިވަމުންނެވެ! 

ހަމަ ފާފައެއް ކުރުން ހުއްޓާލަން އުޅޭއިރަށް ކޮންމެވެސް ކަމެއް މެދުވެރިވެއެވެ. އެކަމަށް ހުރަސްތައް ކުރިމަތިވެއެވެ. ނަމަވެސް ހުއްޓާލަން ބޭނުންވެސް ވެއެވެ. އެހާލުގައި ވަރަށް ގިނަ ދުވަހު އުޅުމަށްފަހު އެއް ދުވަހަކު ދުޢާ ކުރީމެވެ! 

"ޔާ ﷲ! މިއަޅާއަކީ ފާފަކުރެވޭ އަޅަކީމެވެ. ފާފަކުރުން ހުއްޓާލަން މިއަޅާއަށް ކުރެވޭ މަސައްކަތްތައްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ހަމަ އިނބަ ރަސްކަލާނގެއެވެ! ޔާ ﷲ!  މިއަޅާޢަށް މިކަމުގައި އެހީތެރިވެވޮޑިގެން ދެއްވަވާނދޭވެ! ފާފައެއް ކުރެވެން އުޅޭއިރަށް އެކަމުގެ ހުރި ނުބައިކަމާއި ދެއްވަވާނެ ޢަޛާބު މިއަޅާއަށް ހަނދާންކޮށްދިނުމުގެ ބާރު މިއަޅާގެ ސިކުނޑިއަށާއި ހިތަށް ދެއްވަވާނދޭވެ! އާމީން." 

ހަމައެކަނި ދުޢާކޮށްފައި މަޑުން ހުރީއެއް ނޫނެވެ! ދުޢާގައި ހިމެނި މަޤްޞަދު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްވެސް ކުރީމެވެ. ދަރުސްތަކާއި ޤުރްއާން އަޑުއެހުން ގިނަކުރީމެވެ. ފިލްމުބެލުމުގެ ދުނިޔެއިން އެކުގައި ނުކުތީމެވެ. ހަމައެއާއިއެކު ކޮންމެހެން މަޖުބޫރުވެގެން ނޫނީ ގެއިން ބޭރުގައި އުޅުން ހުއްޓައިލީމެވެ.  

ހަމަތެދެކެވެ. އެގޮތަށް ޢަމަލުކުރަން ފެށިތާ 3 މަސްވީއިރު ވަނީ ކުރެވެމުން އައި ހުރިހާ ފާފަތަކެއް ކުރެވުން ހުއްޓާލެވިފައެވެ. އަދި މިސްކިތުގެ އަހުލުވެރިއަކަށްވެސްވެވިފައެވެ.  

އަހަރެންނަކީ ބަނގުރަލާއި މަސްތުވާތަކެއްޗާއި ފާހިޝް އަމަލުކުރުން ފަދަ ކަންކަމުގައި އުދުހުނު މީހެކެވެ. މިއަދު އަހަރެން މަސައްކަތްމިކުރަނީ އަހަރެން ފަދައިން އެހާލުގައި ތިބި އެންމެން އެކަންކަމުން ސަލާމަތްކުރެވޭތޯއެވެ! އަހަރެންގެ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދި ދުޢާކޮށްދޭށެވެ!

 

- އަޙްމަދު/ މިއަދުނޫހުގެ ކިޔުންތެރިއެއް- 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން