މިރޭ ހިފާ ހަނދު ކޭތަ ފުރިހަމަ ކޭތައެއްގެ ގޮތުގައި ގަޑިއިރަކަށްވުރެ ގިނަ އިރު ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 20:28 ގައެވެ. އެހެންނަމަވެސް ކޭތަ ހިފާ މަންޒަރު ފެންނަން ފަށާނީ 21:30 ހާއިރުއެވެ. ފުރިހަމަ ކޭތައެއްގެ ގޮތުގައި ހަނދު ކޭތަ ފެންނާނީ މިރޭ 22:30 އިން ފެށިގެން 23:52 އާ ހަމައަށެވެ. މިއީ 1 ގަޑިއިރާއި 22 މިނެޓުގެ މުއްދަތެކެވެ.
އިދާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި ކޭތަ އެއްކޮށް ވީއްލާ ނިމޭނީ ދަންވަރު 01:55 ގައެވެ. އަދި ރާއްޖެއަށް ދެން ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.
ހަނދުކޭތަ ހިފަނީ ޤުދުރަތީ ޚާއްޞަ މަންޒަރެއްގެ ގޮތުގައެވެ. މިގޮތުން ކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީއެވެ. މި ދައުރުވުމުގައި، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަންނަ ހިނދު، ހަނދުކޭތަ ހިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މިރޭ 23:12 ގައި ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.
މާލޭގައި ކޭތަ ނަމާދުކުރާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ކޭތަ ނަމާދުކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.