ސަރުކާރު އައިނު ފިހާރައިން މިހާތަނަށް 2994 މީހުން ޚިދުމަތް ހޯދައި 810 ފަރާތަކަށް އައިނު ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަރުކާރު އައިނު ފިހާރައިން މިހާތަނަށް 2994 މީހުން ޚިދުމަތް ހޯދައި 810 ފަރާތަކަށް އައިނު ދޫކޮށްފި

ސަރުކާރު އައިނު ފިހާރަ ނުވަތަ އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 2،994 މީހުން ޚިދުމަތް ހޯދާފައިވާކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ. އަދި މިހާތަނަށް 1،899 އައިނު ތައްޔާރުކޮށް، 810 ފަރާތަކަށް އައިނު ދޫކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗްއިން ބުނީ، މިވަގުތު 1،105 އައިނު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އައިނު ނަންބަރު ނެގުމަށް 1،691 މީހުން ނަން ނޯޓުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްއަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ އައިނު ފިހާރައެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއްގެ ދަށުން ފެށި ޚިދުމަތެކެވެ.

މި ޚިދުމަތް ފެށުމާއެކު، ގިނަ ރައްޔިތުންނަށް އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުސަތު ލިބި، އެ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ޚަރަދު ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. މި ޚިދުމަތް ފެށުމުގެ ކުރިން ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑެތި އަގުތަކެއް ނަގަމުން ދިޔަ ނަމަވެސް، މިހާރު އާސަންދައިގެ ދަށުން މި ޚިދުމަތް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން