ރަށު ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ޚާއްސަ ލުއި ލޯނެއް ތަޢާރަފުކޮށް، އެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
"ތިޖާރާ ރަށު ފަތުރު" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ލޯން ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތަށް ފައިނޭންސިންގ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން ގެސްޓްހައުސް އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި އެކި ބާވަތުގެ ވިޔަފާރި ހަރަކާތްތައް ހިންގުމަށް ފައިނޭންސިންގ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެސްޑީއެފްސީން ހާމަކުރި ގޮތުގައި، މި ސްކީމްގެ ދަށުން ގެސްޓްހައުސް މަރާމާތުކުރުމާއި، އިމާރާތް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ އަދި ވޯޓަރ ސްޕޯޓްސް ފަދަ ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ތަޢާރަފުކުރުމަށްވެސް ފައިނޭންސިންގ ލިބޭނެއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށްވެސް މި ސްކީމްގެ ދަށުން ފައިނޭންސިންގ ފޯރުކޮށްދެވޭނެއެވެ.
މި ސްކީމްގެ ދަށުން ގިނަވެގެން 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރެވޭނެ ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ. ފައިނޭންސިންގ އަނބުރާ ދެއްކުމަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭއިރު، މުޅި ފައިނޭންސިންގ ދައްކާ ނިންމުމަށް 10 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަހަރަކު 9.5 އިންސައްތައިގެ ފައިނޭންސިންގ ރޭޓެއް ކަނޑައަޅާފައިވާއިރު، 700,000 ރުފިޔާއަށްވުރެ މަތީގެ ފައިނޭންސިންގއަށް އެކަނި ރަހުނު ބޭނުންވާނެއެވެ.
މި ލޯނަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.