ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކައިގެން 8000 އަށްވުރެ ގިނަ ފަރާތް ސަސްޕެންޑުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކައިގެން 8000 އަށްވުރެ ގިނަ ފަރާތް ސަސްޕެންޑުކޮށްފި

ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކައިގެން 8،000 އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވި ގޮތުގައި، ބިދޭސީންނާ ގުޅުންހުރި އެކި ފީތަކާއެކު ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. "މިހާރު ނިޒާމު ބައްޓަންކުރަމުން މިދަނީ މިފަދަ ފީތައް ނުދައްކާ ފަރާތްތަކަށް، ބިދޭސީންނާ ގުޅުންހުރި އެއްވެސް ޚިދުމަތެއް ދައުލަތުގެ އިދާރާތަކުން ނުލިބޭ ގޮތަށް،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި 68،000 ވަޒީފާދޭ ފަރާތް ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރެއިން ބިދޭސީންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބި 8،900 ފަރާތް މިހާރު ވަނީ އެކްސްޕެޓް ޕޯޓަލްގެ ތެރެއިން ސަސްޕެންޑުކޮށް ޚިދުމަތް މެދުކަނޑާލާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ ތެރެއިން، ބިދޭސީންނާ ގުޅޭ ފީތައް ނުދައްކާ ފަރާތްތަކާމެދު މިފަދަ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން