ދިވެހި އެކްސްޕޯ ސާރވިސަސްއާއި ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި އެގްޒިބިޝަން ރަސްމީކޮށް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މި އެގްޒިބިޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ޖަރުމަނުވިލާތް، އެމެރިކާ، ޔޫއޭއީ، ޗައިނާ، އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ކުންފުނިތައް ހިމެނެއެވެ.
މި އެގްޒިބިޝަންގައި 7000 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ބްރޭންޑްތަކުގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، 100 އަށްވުރެ ގިނަ އައު އުފެއްދުންތައް ތަޢާރަފުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ފުޑް އެންޑް ހޮސްޕިޓާލިޓީ ދާއިރާއަށް އައު ކުރިއެރުންތަކެއް ގެނެސްދޭނެ މުހިންމު އެގްޒިބިޝަނެއް ކަމަށް ބެލެވެއެވެ.
ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެގްޒިބިޝަން ހުޅުވާލެވިފައިވަނީ މި މަހުގެ 7 އިން 9 އަށެވެ. މި އެގްޒިބިޝަންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި، ކޭޓަރިންގ އަދި ހޮސްޕިޓާލިޓީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުންމީދުކުރެއެވެ.
މި އެގްޒިބިޝަންގައި އެކި ޤައުމުތަކުގެ ކުލިނަރީ މާހިރުންގެ ހުނަރުވެރިކަން ދައްކާލުމުގެ ގޮތުން ކަލިނަރީ ޗެލެންޖްތަކެއްވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ހޮސްޕިޓާލިޓީ ދާއިރާގެ އެކި ދާއިރާތަކާ ގުޅޭ ސެމިނަރތަކާއި ވާރކްޝޮޕްތައްވެސް ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.