މި ހަފްތާގައި ފްލެޓު ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މި ހަފްތާގައި ފްލެޓު ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރެވުނު 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފްލެޓު ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ފެށުމަށް އުއްމީދުކުރާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެފްޑީސީން މަޢުލޫމާތު ދިން ގޮތުގައި، ފްލެޓުތައް ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މި ހަފްތާގެ ނިޔަލަށް ނިމިފައިވާ ޓަވަރުތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވުނު 4،000 ސޯޝަލް ހައުސިންގ ޔުނިޓުގެ ސެކިއުރިޓީ ޑިޕޮސިޓު ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީވެސް ނިމިފައި ހުރި ޓަވަރުތަކަށް އިސްކަންދީގެންނެވެ.

ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ ޖުލައި 21 ވަނަ ދުވަހުއެވެ. މިނިވަން ދުވަހާ ގުޅިގެން އައި ސަރުކާރު ބަންދު ދުވަސްތަކަށްފަހު، އަލުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެފްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ދުވާލެއްގެ މައްޗަށް ޕްރޮސެސްކުރެވޭ އެއްބަސްވުންތަކުގެ އަދަދު އިތުރުކޮށް، މި މަސައްކަތް އަވަސްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މިހާތަނަށް 3،000 އަށްވުރެ ގިނަ އެއްބަސްވުމުގައި ވަނީ ސޮއިކޮށް ނިމިފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ދިވެހި ޢާއިލާތަކަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބިގެންދާނެއެވެ.

މިއަދު އޮންލައިން