މާލޭގެ މާރުކޭޓު ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 132 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތުގެ ދެން އޮތް މަރުހަލާގައި ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަހައްދަށް ވެލި އެޅުމާއި، އެ ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ. މީގެ އިތުރުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫޢަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، އެ މަގުގައި ދުއްވާ އުޅަނދުފަހަރަށް 4 ލޭނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަ ސަރަހައްދެއް ހިމެނޭނެއެވެ.
މާލެ މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 830 މީޓަރުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށީގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އެންމެ މުހިންމު އެއް މަގު އިތުރަށް ތަރައްޤީވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.