5 މިލިއަން ގަސް މަޝްރޫޢަށް އެސް.ޓީ.އޯ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
5 މިލިއަން ގަސް މަޝްރޫޢަށް އެސް.ޓީ.އޯ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ "5 މިލިއަން ގަސް" ހެއްދުމުގެ މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި، އެ މަޝްރޫޢުގެ އިސްވެރިންނާއި، އެސް.ޓީ.އޯ ގެ އިސްވެރިންނާއި ދެމެދު މަޝްވަރާ ކޮށްފިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ 5 މިލިއަން ގަސް ހެއްދުމުގެ ޤައުމީ މަޝްރޫޢު ފުޅާކުރުމަށްޓަކައި އެސް.ޓީ.އޯ ފަދަ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކުގައި ކުރިއަށްދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމެވެ. ތިމާވެށި ރައްކާތެރިކުރުމާއި، ގަސްގަހާގެހި ގިނަކުރުމަށް ސަރުކާރުން އިސްކަންދޭ މި މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކާއި، ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ.

މި ބައްދަލުވުމުގައި، ގަސް އިންދުމަށް ބޭނުންވާ ބާވަތްތައް ފޯރުކޮށްދިނުމާއި، އަދި އާންމުންގެ މެދުގައި ގަސް އިންދުމުގެ މުހިންމުކަން ހާމަކުރުމަށް ގުޅިގެން ކުރެވޭނެ ހަރަކާތްތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

"5 މިލިއަން ގަސް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ގަސްތައް އިންދުމަށް ވަނީ ރާވައިފައެވެ. މި މަޝްރޫޢު ކާމިޔާބުކުރުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް މަޝްރޫޢުގެ އިސްވެރިން ފާހަގަކުރައްވައެވެ. އެސް.ޓީ.އޯ ފަދަ ބޮޑެތި ވިޔަފާރިތަކުން މިފަދަ ޤައުމީ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭނެ ވަރަށް ބޮޑު އެއްބާރުލުމެކެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން