ކަރެކްޝަނަލް އޮފިސަރުންގެ ބޭސިކް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯމް ވިއްކާނުލުމަށާއި އިސްލާމްދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު އިލްތިމާސްކުރައްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ" ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ޒަރީރު ވިދާޅުވީ "މިއީ ހަމައެކަނި ތަމްރީނެއްގެ ނިމުމެއް ނޫން، މިއީ މަތިވެރި ޖިހާދަކާއި ޤައުމީ ވާޖިބެއް އަދާކުރަން ފެށުން" ކަމަށެވެ.
ކަރެކްޝަނަލް އޮފިސަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި، ޤައިދީންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލެއްވިއެވެ.
މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދު ފެންވަރަށް ފަރުމާކޮށްފައިވާ، ހަތަރު މޮޑިއުލްގެ މައްޗަށް އެކުލެވޭ ކޯހެކެވެ. ކޯހުގެ ފުރަތަމަ ބެޗްގައި ބައިވެރިވި 27 ފަރާތުގެ ތެރެއިން 22 ފަރާތުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި އެހެނިހެން މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.