ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭ ކޮންމެ އަންހެނަކުވެސް އަދި ފިރިހެނަކުވެސް ކިޔާލުން ވަރަށް މުހިންމު ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭ ކޮންމެ އަންހެނަކުވެސް އަދި ފިރިހެނަކުވެސް ކިޔާލުން ވަރަށް މުހިންމު ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކަ-

ވާހަކަ ފެށުމުގެ ކުރިން "އެންމެންވެސް ކިޔާލަން" ކިޔާލަން މިބުނި ސަބަބު ބުނެލާނަމެވެ. އެއީ އެއަންހެން މީހާގެ ހުރި ތަޤްވާވެރިކަން ލިބިގަންނަން މަސައްކަތްކުރަން ހިތްވަރުދިނުމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ އެދެމަފރިންނާއި ގުޅިގެން ނުހަނު އެކުވެރިކަމާއިއެކު އަހަރެއްހައި ދުވަހު އެއްތަނެއްގައި އުޅުނުއިރުވެސް އަންހެންމީހާގެ މޫނު ފިރިހެން މީހާއަށް ދައްކާފައި ނުވާކަމެވެ. މިއީ މިފަދަ ދުވަސްވަރެއްގައި އާދައިގެ ކަމެއް ނޫނެވެ. 

މޫނަކީ އަޢުރަކަމަށް ނުވިނަމަވެސް އޭނާއަކީ މޫނު ނިޔާކޮށްގެން އުޅޭ އަންހެނަކަށްވާތީ އޭނާ އެވަނީ އޭނާ އަޅާ ނިޤާބުގެ ޙައްޤުތައް ހިފަހައްޓައި ޙައްޤުތަކަށް ރައްކައުތެރިވެފައެވެ. ޙާޞިލުކުރަންޖެހޭ ފިލާވަޅަކީ ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭމީހާ އޭނާގެ ޢަމަލުތަކުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން ދައްކަންޖެހޭ ކަމެވެ. 

ހަމައެއާއިއެކު އެންމެ ކަމެއް އިތުރަށް ފާހަގަކޮށްލާނަމެވެ. އެމީހާ އަންހެން މީހާއަށް ކުރިމަތިވެފައިވާ ތަކްލީފްތަކުން ސަލާމަތްކޮށްދޭން އެޚަރަދުތައް އެކުރީ އަތްމަތި ދަތިޙާލުގައި ހުރެއެވެ. ތަނަވަސްކަން ދެއްވަވާނީ ދީލަތިވިވަރަކުންކަން ޤަބޫލުކޮށްގެންނެވެ. ލެއްވެވި ރަޙްމަތް ޙާދިސާއިން ވިދާޅުވެލައްވާށެވެ! 

ވާހަކަ: 

އަހުރެންނަކީ ފިހާރައެއް ހިންގާ މީހަކީމެވެ. އެދުވަސްކޮޅަކީ ލޯނުތައް ދައްކަންޖެހުމުން އަތްމަތި ވަރަށް ދަތިވެސް ދުވަސްކޮޅެކެވެ. އަނބިމީހާ ގަންނަން ބުނެފައި ހުރި ތަކެތި ގަނެގެން ފިހާރައަކުން ނުކުތްތަނުން ފެނުނީ މޫނު ނިވާކޮށްގެން ހުރި އަންހެނެކެވެ. އޭނާގެ ގާތުގައި ހައަކަ އަހަރުގެ ކުޑަކުއްޖަކު ހުރެގެން ރޮނީއެވެ.

ލަދުކަނޑާލައިފައި ސުވާލުކުރީމެވެ. ކުއްޖާ އެރޮނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޖަވާބެއް ނުދިނެވެ. އިސްދަށަށް ޖަހައިލި ގޮތުން ވަރަށް ދެރަވެއްޖެކަން އެނގުނެވެ. އެކުއްޖާގެ އަތުގައި ހިފާލާފައި ބުނީމެވެ. "އަހުރެންގެ ފަހަތުން ދެމައިން ވަންނަން ލަދުގަންނަނަމަ އަހުރެންނާއިއެކު މިކުއްޖާ ފިހާރައަށް ފޮނުވާށެވެ. ބުނި ކޮންމެ އެއްޗެއް ގަނެދޭނަމެވެ." 

އޭނާ އިޚްތިޔާރުކުރީ ދެމައިން އެކުގައި ވަންނާށެވެ. އެކުއްޖާ ބޭނުންވެގެން ދެއްކީ ވަރަށް އަގުހެޔޮ އެއްޗެކެވެ. އެއާއި އެހެންވެސް ބައެއް ތަކެތި ގަނެދީގެން ބޭރަށް ނުކުމެފައި ބުނީމެވެ. "މިއޮތީ އަހުރެންގެ އަނބިމީހާގެ ކާޑެވެ. ފަސޭހަވަޤުތަކު ގުޅާލާފައި މިގުޅީ ފިރިމީހާ ބުނެގެން ކަމަށް ބުނެލިއްޔާ ވަރަށް ރަނގަޅެވެ." އެހެން ބުނެފައި ކުއްޖާގެ ބޮލުގައި ފިރުމައިލާފައި ދިއައީއެވެ. 

އަނެއް ދުވަހު އޭނާ އަނބިމީހާއަށް ގުޅިއެވެ. ދެމީހުން ވާހަކަދައްކައި އެކުވެރިވެ އޭނާގެ ޙާލު ކިޔައިދިނުމުން ދެމަފިރިން އެކުގައި ގޮސް އެދެމައިންނާއި ބައްދަލުކުރީމެވެ. އެކަނިވެރި މައެކެވެ. އުޅެނީ ވަޒީފާގެއްލުމުން ކުލި ނުދެއްކިގެން ކޮޓަރިން ނުކުންނަން ޖެހިގެންނެވެ. އަތުގައި އޮތީ އެންމެ 40 ރުފިޔާއެވެ. 

ފަށަމުން ބުނިފަދައިން އެއީ އަހުރެންނަށް އަތްމަތި ދަތިދުވަސްކޮޅެއް ނަމަވެސް ނުދެއްކި އޮތް 2 މަސްދުވަހުގެ ކުއްޔާއި ބިލްތައް ދައްކާދީފައި ދެމައިން އަހުރެމެންގެ ފްލެޓަށް ގެންދިއައީއެވެ. އުޚުތެއް ފަދައިން ދެމަފިރިން އެދެމައިން ގެންގުޅެން ފެށީމެވެ. 

އޭނާވެސް ވަރަށް ރަނގަޅެވެ. ގޭގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރެއެވެ. ދެމަފިރިންނަށް ވަރަށް އިޙްތިރާމްކުރެއެވެ. ނަމާދުތަކަށް ރައްކައުތެރިވެއެވެ. ރޭއަޅުކަންވެސް ކުރެއެވެ. އެހެންވެ ދެމަފިރިންގެ ހިތުގައިވެސް އެދެމައިންގެ ވަރަށް ބޮޑަށް ލޯބިއުފެދުނެވެ. 

ހަމަ ތެދަށް ބުނަމެވެ. އަހުރެން ކުރަމުން އައި ވިޔަފާރި ބޮޑުތަނުން ކުރިއަރައިގެންދިއައެވެ. ކުރިން ލިބެމުން އައި ފައިދާ ދެގުނައަށް އިތުރުވިއެވެ. ކަންކަން އެގޮތަށް މެދުވެރިވުމުން އެއީ ހެޔޮލަފާ ރަނގަޅު އަންހެނަކުކަން ވިސްނި އަހުރެންގެ ދޮށީ ބޭބެއާއި ކައިވެނިކުރުވީމެވެ. ބޭބެ އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިވެފައި ހުރީތީއެވެ. 

ބޭބެ އެކަން ނުކުރިނަމަ އަހުރެން ނިންމައިގެން ހުރީ ދެއަންތަބަށް ކައިވެނިކުރަން އަހާށެވެ! އަނބިމީހާ ހުރީ އެކަން ކުރުވަން ފައިވިއްދައިގެންނެވެ. އަނބިމީހާ އެހައިބޮޑަށް އޭނާ ދެކެ ލޯބިވި އެއް ސަބަބަކީ އަހަރަކާއި ގާތަށް އެކުގައި އުޅުނުއިރުވެސް އޭނާގެ މޫނު އަހުރެންނަށް ނުދެއްކީތީއެވެ. އަދިވެސް އަހުރެންނަކަށް އޭނާގެ މޫނެއް ނުފެނެއެވެ. ވީމާ ޖަހާ ސިފައެއް ނުއެނގެއެވެ. 

އަހުރެން މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ނިކަމެއްޗަކަށް ޚާއްޞަކޮށް ދަތިޙާލުގައި އުލެންޖެހިފައިވާ އެކަނިވެރި މައަކަށް އެހީތެރިވުމަކީ ކިހައި ފައިދާހުރި ކަމެއްކަން ބުނެދީ އެކަމަށް ހިތްވަރުދޭށެވެ! އަމިއްލަ އެދުމެއް ނެތި ﷲ ތަޢާލާއަށްޓަކައި އެހީތެރިވެއްޖެނަމަ އެކަމުން ކުރާނެ ފައިދާ ވިސްނަންވެސް ނުއެނގޭނެކަން މިހުރީ ތަޖުރިބާކޮށްގެންނެވެ.

 

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން