ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން އަރިސްކުރައްވާ ކަމަށެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ 1906 ވަނަ އަހަރު އުފެދުނު، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާއެވެ. މި މުއައްސަސާއިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަތާ 119 އަހަރު ވެއްޖެއެވެ.
ޕޯސްޓްގެ ޚިދުމަތަކީ ރާއްޖޭގެ މުވާޞަލާތީ ދާއިރާގައި އެންމެ މުހިންމު އެއް ޚިދުމަތް ކަމުގައި ވެފައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މި މުއައްސަސާއިން ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ.