ލަޠީފް މެދުވެރިވެގެން ދިޔައީ "ދަގަނޑު ކަނޑަން މެދުވެރި ކުރެއްވި އެކަތަ ގަނޑަށް!: ކަނޑުވައި އިބްރާހީމް ރަޝީދު

ކިޔުމަށް ހޭދަވާނީ 4މ 48ސ
ލަޠީފް މެދުވެރިވެގެން ދިޔައީ "ދަގަނޑު ކަނޑަން މެދުވެރި ކުރެއްވި އެކަތަ ގަނޑަށް!: ކަނޑުވައި އިބްރާހީމް ރަޝީދު

މީގެ 17 ވަރަކަށް އަހަރު ކުރިން ލަޠީފް  މިއަދު ނޫސް އަށް ގެންނެވި ބަދަލު އަޅުގަނޑު ވަރަށް ކައިރިން ތަޖުރިބާ ކުރީމެވެ.  އެދުވަހާ މިއަދު އަޅުވާކިޔާލީމަ ﷲ ގެ ޙިކްމަތްފުޅާ މިންވަރުފުޅުގެ ފުރިހަމަކަން، އީމާންތެރި ހިތަކައިގެން ޤަބޫލް ކުރާ ކޮންމެ އިންސާނަކަށް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ

ލަޠީފް އެމަސައްކަތް ފެއްޓެވި ގޮތާ އަދި ކުރައްވަމުން އަންދަވާގޮތް އޭރުގަ އެކިފަހަރުމަތިން އަޅުގަނޑާ ޙިއްޟާކުރައްވާފައި ވެއެވެ. އެހެންކަމުން މިއަދުގެ ތަފްޟީލީ ކޮމެންޓް ގެ މަސްދަރު އަޅުގަނޑަށް އެގެއެވެ 

ދުވަސްވަރަކީ ރާއްޖެ "ތަރައްޤީ އާ ތަހުޒީބު" ގެ ލޭބަލް އަޅުވާ އިސްތިހާރުކޮށްގެން  މުޖުތަމާގަ މުންކަރާތާ ފަސާދަ އުފެއްދުމަށް ބަޔަކު އެކި  "ތާކިހާ އަޅައިގެން" މަސައްކަތް ކުރަމުން އައި ދުވަސްވަރެކެވެ. އޭރުގަ އެމީހުންގެ ޙަޞީލަތެއް ނޭންގެއެވެ. އެފަދަ ކަމެއް ދިވެހިން ކޮށްފާނެކަން ޤަބޫލެއް ނުކުރެވެއެވެ.  ކާބަފައިންނާ މައިންބަފައިން ވާރުތަކޮށްދިން އިޖްތިމާޢީ ފޭރާމާ ދިވެހިވަންތަކަން 'ކަތިލާ ކަފުންކުރަމުން" ދީވެހި ޒުވާންޖީލު ވާވަށްދަމުން އައި ދުވަސްވަރެކެވެ. ތަހުޒީބާ ތަމައްދުން އަކީ އެއްޖިންސުން ގުޅުން ހިންގުމާ އަންހެނުންގެ ޙައްޤަކީ "ބިކިނީ ޓްރެންޑް" ކަމުގަ ދަޢުވާކުރަމުން އިސްލާމްދީނާ ނަބިއްޔާ ޥައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ނަޞޭޙަތްތެރިވާ އެންމެންނަކީ އެކްސްޓްރީމިސްޓް ޓެރަރިސްޓުން ކަމުގަ ލޭބަލް ކުރަމުން ޔޫރަޕުގެ ޖަމާޢަތްތަކާއެކު އެބައިމީހުން އެންމެ ގަދައަށް މަސައްކަތް ކުރަމުން އައި ދުވަސްވަރެވެ 

މީގަ އިސްކޮށް ނަގާކިޔަމުން ދިޔަ އުތެމާ ޖަމާޢަތާ އެމް.ޑީ.އެން އަދި މިކަމުގަ އިސްރޯލް އަދާކުރަމުން އައި "ސިޔާސީ ޕާޓީ"ގެ ވެރިންނާ ބޮޑުން ޑެންމާކް އާ ޔޫރަޕް ފަދަ  ތަންތަނުގަ އެކި ފޯރަމްތައް ލައިވްކޮށް ދިވެހިންނަށް ޓާގެޓްކޮށް ފާޅުގަ ހިންގަމުން އައި މުޑުދާރު މަސައްކަތްތަކު ގެ ލަނޑުދަނޑިއަކީ ކޮބައިކަން ހަމަބުއްދި ހުރި ކޮންމެ އިންސާނަކަށް ހަމައެކަނި މިކަންކަމުންވެސް މިހާރު ޔަޤީން ކުރެވެއެވެ 

ދީނީ ޢިލްމުވެރިންގެ އަބުރާ ކަރާމަތް ކަތިލާފަވާ މިދުވަސްވަރު ޔޫރަޕް ގެ މުޑުދާރު ތަހުޒީބު ރާއްޖޭގަ ފަތުރަން އަށްޔަންވެގެން ތިބި ފަރާތްތަކާ ދެކޮޅަށް ނިކުތުމަށް ﷲ މެދުވެރި ކުރެއްވީ މި ދިވެހި ފަސާދަވެރިންނަށްވުރެ ގޮތް ދޫނުކުރާ، ކޮންމެފަދަ ޙާލަތެއްގަވެސް ރައްދު ދެވޭ،  ޢާންމުފަރުދުންގެ ތެރޭގަ އުޅެމުންއައި އާދައިގެ ތި ޢަބްދުއްލަޠީފް ފަދަ އާދައިގެ ދިވެހިންނެވެ. ނަތީޖާ އަކަށްވީ ޒުވާނުންގެ ގިނަބަޔަކަށް މިއަދުނޫހުގެ އާޓިކަލްތައް ފަދަ އާޓިކަލްތައް ރަނގަޅުވެ ހަމަބުއްދިއާ ރިވެތި އަޚްލާޤަށް ޝަޢުޤުވެރި ވެގެންދިއުމެވެ. ކާބަފައިން ބުނާ ހަރު ބަހެއް.  "ދަގަނޑު ކެނޑޭނީ ދަގަނޑުން". ލަޠީފް މެދުވެރިވެގެން ދިޔައީ "ދަގަނޑު ކަނޑަން މެދުވެރި ކުރެއްވި އެކަތަ ގަނޑަށެވެ! 

މިއީ މިއަދުނޫސް ހިންގުމާ ޙަވާލުވެ ހުންނެވި އެޑިޓަރ އިން ޗީފް ޢަބްދުއްލަޠީފް އޭނާގެ 65 ވަނަ އުފަންދުވަހު (7 ސެޕްޓެމްބަރ) ގައި އޭނާގެ އެފްބީ އެކައުންޓުގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ކަނޑުވައި އިބްރާހީމް ރަޝީދު ކުރައްވާފައިވާ ޕޯސްޓެކެވެ. ޕޯސްޓް މިއަދުނޫހުިގައި ޝާއިޢުކުރަން އޭނާ ވަނީ އެދިލައްވައިފައެވެ. 

ޢަބްދުއްލަޠީފް ކުރެއްވި ޕޯސްޓް: 

7 ސެޕްޓެމްބަރު 1960- ން 65 އަހަރު! 

ދުނިޔޭގައި ހުރެ ޤާނޫނު ޤަބޫލުކުރާ މުސްކުޅިއަކަށްވެވުނުކަމަށްޓަކައި ﷲ ތަޢާލާއަށް ހާސްހާސްފަޙުން ޙަމްދުކުރަމެވެ. އެންމެ އުފާވަނީ ފާއިތުވި 12 އަޅުގަނޑު މިކުރާ މަސައްކަތުގެ 90 އިންސައްތަ ﷲ ތަޢާލާގެ މަގުގައި ކުރުމަށް ފުރުޞަތު ދެއްވެވިކަމަށްޓަކައެވެ. 

ބައެއް އެކުވެރިން ކުރާ ސުވާލަކަށްވެސް މިފުރުޞަތުގައި ޖަވާބުދޭނަމެވެ. "ލަޠީފް ދެންވެސް ރަނގަޅުވާނީ ވިޔަފާރިކުރިއްޔާ ނޫން ހެއްޔެވެ؟" އަޅުގަނޑުގެ ޖަވާބަކީ އަޅުގަނޑުކުރަން އެންމެ ރަނގަޅު މަސައްކަތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ކިޔަވައި މަސައްކަތްކުރި ދާއިރާއިން ނުކުމެވި ވިޔަފާރިކޮށް ވަޒީފާވެސް އަދާކޮށް އެނބުރެމުން ސެނބުރެމުން ދަނިކޮށް ކުރަންވީ މަސައްކަތް ދައްކަވައި އެމަސައްކަތުގައި 17 އަހަރު ދެމިމިހުރެވުނީ އަޅުގަނޑުކުރަން އެންމެ ރަނގަޅު މަސައްކަތަކީ މިއީ ކަމުގައި ﷲ ތަޢާލާ ނިންމަވާފައިވާތީއެވެ. އެމަސައްކަތަކީ ﷲ ތަޢާލާގެ ދީނަށް ޚިދުމަތްކޮށް ﷲ ތަޢާލާ މަތިވެރިކުރުން ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާތީއެވެ. އަތުންފައިން މަސައްކަތްކުރެވޭހައި ދުވަހަކު މިނޫން މަސައްކަތެއް ކުރާކަށް ހިތަކު ނެތެވެ. ކަންކަން ބަދަލުވާނެގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. އުންމީދަކީ ޢުމުރުން ބާކީ އޮތް ދުވަސްކޮޅުގައިވެސް ﷲ ތަޢާލާގެ ދީނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމެވެ.

ވިސްނަވައި ލައްވާށެވެ!  މިއަދުނޫސް ހިންގުމާއި އަޅުގަނޑު ޙަވާލުވުމުން ތިއަހެދުނީ ގޯހެއްކަމަށާއި ތިއަ މަޤާމުގައި މީހަކަށް ޢާންމުކޮށް ހުރެވެނީ 6 މަސް ދުވަހު ކަމަށް ގިނަ ބައަކު ބުންޏެވެ. ނަމަވެސް އެބުނި 6 މަސް 6 އަހަރަށްވެ 17 އަހަރުވީއެވެ. އަޅުގަނޑުގެ މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާ އެކަން އެގޮތަށް މިންވަރު ކުރެއްވެވުމުންނެވެ. 2013 ވަނަ އަހަރު އައި ބަދަލާއިއެކު ނޫސް ހިންގުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބުނެވެ. އެއިރުވެސް އައީ ދީނީ ލިޔުންތައް ލިޔަމުންނެވެ. ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުންކޮށް ނޫސް މިއަދު މިވަނީ ދީނީ އިޖުތިމާޢީ ނޫހަކަށް ބަދަލުކުރެވިފައެވެ. އަޅުގަނޑުގެ މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާގެ މިންވަރުފުޅުންނެވެ. 

އުންމީދަކީ ކުރިން ދެންނެވިފަދައިން ޢުމުރުން ބާކީ އޮތް ދުވަސްކޮޅުގައިވެސް ﷲ ތަޢާލާގެ ދީން ކުރިއަރުވަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދެމިހުރުމެވެ. އަޅުގަނޑަށް ހިތްވަރު ދެއްވައި އެހީތެރިވެދެއްވާ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. 

އަޅުގަނޑުގެ ކިބައިން ކުރެވިފައިވާ ކުށްތަކަށް އެކަން ރައްދުވާ އެންމެންގެ ފަރާތުން މާފަށް އެދެމެވެ. ދުނިޔެ ދޫކުރަންޖެހޭނެ ވަޤުތެއް ނުއެނގޭތީ ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ހިތްހެޔޮކޮށްދެއްވުން އެދެމެވެ. ޔާ ﷲ! މިއަޅާގެ ތައުބާ ޤަބޫލުފުޅުކުރައްވަވައި އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ! އާމީން

މިއަދު އޮންލައިން