ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި ޙުސައިން ފަހުމީ އެމަޤާމުން ވަކިކުރައްވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރުކަމެވެ. މަޤާމުގެ ނަމަކީ "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ" އެވެ.
މިނިސްޓަރުގެ މަޤާމަކީ އެންމެ ޒިންމާ ބޮޑު އެއް މަސްއޫލިއްޔަތެވެ. ސަބަބަކީ ސަރުކާރުގެ ޕޮލިސީތައް އިންޕްލިމެންޓްކުރުމާއި ރައީސް ވެވަޑައިގަންނަވާ ވަޢުދުފުޅުތަކުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަކީވެސް ފަހިމީއާއި ޙަވާލުކުރެއްވި ޑިޕާޓްމަންޓުން ކުރަންޖެހޭނެ ކަމަކަށްވާތީއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުފުޅުތައް ތަންފީޒުކުރެއްވުމުގައި ކުރީގެ ރައީސަކު ސަމާލުކަން ނުދެއްވަވާ ވަރަށް ސަމާލުކަން ދެއްވައިގެން ކަންކަން ތަންފީޒުކުރައްވަމުން ގެންދަވާ ރައީސެކެވެ. ވަޢުދުފުޅުތައް ލިސްޓުކުރައްވައި ލިޔެކިޔުމުން ފެންނާނެ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދެއްވި ފުރަތަމަ ރައީސަކީވެސް ރައީސް މުޢިއްޒެވެ.
ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގަތީ ޓްރޭނީއެއްގެ ގޮތުގައި 1988 ވަނަ އަހަރުއެވެ. ވީމާ 27 އަހަރުވަންދެން ފަހުމީ ވަނީ ސްޓެލްކޯގެ އެންމެ އާދައިގެ މަސައްކަތުން ފެށިގެން މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ކާމިޔާބު ދަތުރެއް ކުރައްވަވައި ނަތީޖާ ކުންފުންނަށާއި ކަސްޓަމަރުންނަށް ދައްކަވައި ދެއްވައިފައެވެ.
މަޤާމުން ވަކިކުރެއްވިއިރު ރައީސް ގެންނަވަން އުޅުއްވާ ބަދަލު އެނގިވަޑައިނުގެން ހުންނަވައިވެސް ފަހުމީގެ ފުރަތަމަ ބަސްފުޅަކީވެސް "ރައީސް އެގެންނެވީ ރަނގަޅު ބަދަލެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ!" އެވެ. އެބަސްފުޅުންވެސް ޚިދުމަތްކުރެއްވީ އިޚްލާޞްތެރިކަމާއެކުގައި ކަމާއި ރައީސަށް ފުރިހަމައަށް އިތުބާރު ކުރައްވާކަން އެނގިގެންދެއެވެ. އެއިގެ ފަހުން ފަހުމީ ވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްތަރުކަމުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.
ފަހްމީ ފަދަ އިޚްލާޞްތެރި ބޭފުޅެއްގެ ޚިދުމަތް ފުޅައުދާއިރާއެއްގައި ލިބުމަށް މަގުފަހިވެގެން ދިއަކަން އެއީ ސަރުކާރަށާއި ރައްޔިތުންނަށް ފައިދާކުރާނެ ކަމެކެވެ. އިން ޝާ ﷲ