ނޭޕާލުގަ ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނޭޕާލުގަ ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި

ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.

ހާރިޖިއްޔާއިން ބުނެފައިވާ ގޮތުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރުކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި ހާރިޖިއްޔާ މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ހާރިޖިއްޔާ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ނޭޕާލުގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ހާރިޖިއްޔާއިން ދީފައިވާއިރު، އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ނަންބަރު 919910040786+ އަށް ނުވަތަ ހާރިޖިއްޔާ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް އަންގާފައިވެއެވެ.

މިއަދު އޮންލައިން