ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދުގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
މި ރަސްމިއްޔާތުގައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަހީދު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީޙް އަފީފުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 82,938,294.36 (އައްޑިހަ ދެމިލިޔަން ނުވަސަތޭކަ ތިރީސްއަށްހާސް ދުއިސައްތަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސް ހަލާރި) ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ދެވިފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ ދަށުން މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، ރަށުގެ މަގުތަކުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމުވެގެންދާނެއެވެ.