ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ހާއްސަ ހަފުލާއެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ހާއްސަ ހަފުލާއެއް ބާއްވަނީ

ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އެނބުރި ރާއްޖެ އަންނަ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ހާއްސަ ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ޓީމު ރާއްޖެ އަންނަނީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ އެގްރިގޭޓުން 4-1 އިން ކުރިހޯދައި، ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހުގައެވެ. ފުރަތަމަ ލެގްގައި ރާއްޖެ ވަނީ 3-0 އިން މޮޅުވެފައިވާއިރު، އިއްޔެ ކުޅުނު ދެވަނަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ.

ގައުމީ ޓީމު ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:25 ގައެވެ. ޓީމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވީއައިޕީ ލައުންޖުގައެވެ. އޭގެފަހުން ސަޕޯޓަރުންނާއެކު ބާއްވާ ހާއްސަ ހަފުލާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައި ގަލޮޅު ދަނޑުގައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ވަނީ ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ސަޕޯޓަރުން ގަލޮޅު ދަނޑަށް ދިއުމަށް އާންމުކޮށް ގޮވާލާފައެވެ. އަދި މި ހަފުލާގައި ބައިވެރިވާ ސަޕޯޓަރުން ރަތްކުލަ ބޭނުންކުރުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

މިއަދު އޮންލައިން