އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަތަކުން މިހާތަނަށް 3200 މީހުން ޚިދުމަތް ހޯދާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، ޖުލައި 27 ވަނަ ދުވަހު އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން މިހާތަނަށް 1080 ފަރާތަކަށް އައިނު ހަވާލުކޮށް ނިމިފައިވެއެވެ. އަދި 900 އަށްވުރެ ގިނަ އައިނު ނިންމާފައިވީ ނަމަވެސް، އަދި ވެރިފަރާތްތަކުން ހަވާލުވެފައި ނުވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައިޖީއެމްއެޗްގެ އައިނު ފިހާރައިން މިވަގުތު 1200 އެއްހާ އައިނު އުފެއްދުމުގެ މަރުޙަލާގައި ހުރިކަމަށް ސީއީއޯ ވިދާޅުވިއެވެ. ނަމަވެސް ބައެއް އައިނުތައް ތައްޔާރުކުރުމަށް ލަސްވަމުންދަނީ ބޭރުން ބައެއް ލެންސްތައް ގެންނަން ޖެހޭތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އައިނު ފިހާރަތަކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އޮގަސްޓް 27 ވަނަ ދުވަހު އައިނު ފިހާރައެއް ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވެއެވެ. މި ދެ ފިހާރައިން ވެސް ރައްޔިތުންނަށް ފަސޭހަ އަގުތަކެއްގައި އައިނުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.
މި ޚިދުމަތަކީ ސަރުކާރުން ރައްޔިތުންނަށް ހެޔޮއަގުގައި އައިނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި އައިނުގެ ޚިދުމަތް ލިބެމުންދާކަން ފާހަގަކުރެވެއެވެ.