ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، ހައުސިން ޔުނިޓްތައް ހަވާލުކުރުމުގައި އިސްކަން ދޭނީ މަސައްކަތް ނިމިފައިވާ ޓަވަރުތަކަށެވެ. މިގޮތުން އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 14 ވަނަ ޓަވަރު ކަމަށް އެފްޑީސީން ވިދާޅުވިއެވެ.
ފްލެޓްތައް ހަވާލުކުރުމުގައި އިސްކަންދޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިންމާފައިވާ ފަރާތްތަކަށެވެ. އަދި "ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާ ވަރަކުން ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެ" ކަމަށް އެފްޑީސީން ވިދާޅުވިއެވެ.
އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ ޓަވަރުތަކުގެ ތެރޭގައި މުޅިން މަސައްކަތް ނިމިފައިވާ ޓަވަރުތަކާއި، ނިމުމާ ވަރަށް ގާތްވެފައިވާ ޓަވަރުތައް ހިމެނޭ ކަމަށްވެސް އެފްޑީސީން ފާހަގަކުރެއްވިއެވެ. އަދި ފްލެޓްތައް ހަވާލުކުރަމުން ދާނީ މި ތަރުތީބުން ކަމަށްވެސް އެފްޑީސީން މައުލޫމާތު ދެއްވިއެވެ.