މެޑިކަލް ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ވަކި ޚާއްސަ ޓީމެއް އޮތުމުން، އެކަން މެނޭޖްކުރުމަށް ފަސޭހަވެގެންދާނެ: ޢަބްދުއްރައްޒާޤް ޙަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މެޑިކަލް ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ވަކި ޚާއްސަ ޓީމެއް އޮތުމުން، އެކަން މެނޭޖްކުރުމަށް ފަސޭހަވެގެންދާނެ: ޢަބްދުއްރައްޒާޤް ޙަލީމް

މެޑިކަލް ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ހޯދާ އެތެރެކުރުމުގެ މަސައްކަތްކުރާނެ ވަކި ޚާއްސަ ޓީމެއް އޮތުމުން، އެކަން މެނޭޖްކުރުމަށް ފަސޭހަވެގެންދާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ފާހަގަކުރެއްވި ގޮތުގައި އެކިމުދާ ހޯދާ އެތެރެކުރުމަށް މަސައްކަތްކުރާ ކުންފުންޏަކަށްވުރެ ބޮޑަށް ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެއްޗަށް އެކަނި އަމާޒުކޮށް މަސައްކަތްކުރުމުން ކޮލިޓީތަކެތި ހޯދުމަށް މަގުފަހިވެ، އަގުހެޔޮކޮށް ތަކެތި ގެނައުމަށް ބައިނަލްއަޤުވާމީގޮތުން ނެޓްވޯކިންގައި މުހިއްމު ދައުރެއް އަދާކުރެވޭނެއެވެ.

"މިކުންފުނި އުފެއްދުމާއެކު ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ބޭހުގެ ޔަގީންކަން ކަށަވަރުވެގެންދާނެ. ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދެން އެއްދިމާއަކުން ހުރިހާ އެއްޗެއް ލިބޭނެކަން ޔަގީންވެގެންދާނެ. އަދި ކޮލިޓީ ތަކެތި ހޯދުމަށް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ސަޕްލަޔަރުންނާއި ޑައިރެކްޓްކޮށް ވާހަކަދެކެވޭނެގޮތަކަށް މިކުންފުނި ބައްޓަންވެގެންދާނެ،" ސީއީއޯ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ މި ކުންފުންޏަކީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފެއްދެވި ކުންފުންޏެކެވެ.

މިއަދު އޮންލައިން