ގައުމީ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ގައުމީ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދައި، ފަޚުރުވެރި ކާމިޔާބީއަކާއެކު މިއަދު ރާއްޖެ އައި ގައުމީ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

ގައުމީ ޓީމަށް އެއާޕޯޓުން މަރުޙަބާ ދެންނެވުމުގެ ގޮތުން ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި ކުޅިވަރު އާއިލާގެ ގިނަ ބޭފުޅުން ބައިވެރިވިއެވެ. މީގެ ތެރޭގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި، އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިޤް ހިމެނެއެވެ. އެއާޕޯޓުގައި ޚާއްސަ މަރުޙަބާ ކިޔުމުގެ އައިޓަމްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގައުމީ ޓީމަށް ރަސްމީކޮށް މަރުޙަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައި ގަލޮޅު ދަނޑުގައި ބޭއްވޭ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާއަށް ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ބައިވެރިވުމަށް ކުޅިވަރު ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.

ރަސްމިއްޔާތުގައި ސުޕަ ކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުމާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. އަދި ޓީމާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ.

މީގެއިތުރުން ގަލޮޅު ދަނޑުން ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުވަނީ ގަލޮޅު ދަނޑުން ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.

ގައުމީ ޓީމުގެ މި އުފާވެރި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ޓީމަށް މަރުޙަބާ ދަންނަވައި ސާބަސް ދެއްވައިފައެވެ. "ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ގައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން