ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕް ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ "ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ޕްރޮގުރާމް" ފުރިހަމަކުރުމަށް 10 ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސްކޮލަރޝިޕްތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ދެވޭ ފުރުޞަތުތަކެކެވެ.
މި ފުރުޞަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް އެޕްލިކޭޝަނާއި ހުށައަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި މަސްވެރިކަމާ ބެހޭ ވުޒާރާގެ މެއިލް [email protected] އަށްވެސް އެޕްލިކޭޝަނާއި ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
މި ސްކޮލަރޝިޕް ފުރުޞަތުތައް ހުޅުވާލުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.