ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޮރެންޖު ކިލޯއެއް އެންމެ 35 ރުފިޔާގެ ހެޔޮ އަގެއްގައި ވިއްކަން ފަށައިފިއެވެ. މިއީ މިވަގުތު ބާޒާރުގައި އޮރެންޖު ވިއްކަމުންދާ އަގާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.
މިވަގުތު ބާޒާރުގައި އޮރެންޖު އެއްގެ އަގު ހުރީ 10 ރުފިޔާއާއި 13 ރުފިޔާއާ ދެމެދުގައެވެ. މިއީ ކިލޯއަކުން ބަލާނަމަ 72 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގެކެވެ. ނަމަވެސް އެސްޓީއޯއިން މިހާރު ވިއްކަމުންދަނީ ކިލޯއެއް އެންމެ 35 ރުފިޔާއަށެވެ. އެސްޓީއޯގެ މި އޮރެންޖު ލިބެން ހުންނާނީ އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.
މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މޭވާގެ އަގަށެވެ. މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ވަނީ އައިސްފައެވެ.
ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާ ގުޅިގެން، ރައްޔިތުންނަށް ހެޔޮ އަގެއްގައި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. އެސްޓީއޯއިން އޮރެންޖު އަގުހެޔޮކޮށް ވިއްކަން ފެށުމަކީ މި ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ.