މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ހުށަހަޅާފައިވާ ބިލަށް މުހިންމު އިޞްލާޙުތަކެއް ބަންޑާރަނައިބުގެ އޮފީހުން މިއަދު ހުށަހަޅައިފިއެވެ. މި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
އޭޖީ އޮފީހުން ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑު ހަރުދަނާކުރުމާއި، މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް ބަދަލު ގެނައުމާއި، މީޑިއާގެ ފެންވަރާއި ނޫސްވެރިންނާމެދު ފިޔަވަޅު އެޅުމުގެ މާއްދާތަކަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެއެވެ.
ކޮމިޝަނުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުގެ މެންބަރުންގެ ޝަރުތުތަކަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނުމަށްވެސް ވަނީ ހުށަހަޅާފައެވެ.
މީޑިއާގެ ސުލޫކީ ހަމަތަކާ ގުޅޭގޮތުން، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ބާރުއަޅާފައިވެއެވެ. އަދި އަމިއްލަ މަޢުލޫމާތު ހާމަކުރުމުގައި އެ ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަށްވެސް ވަނީ އިސްކަންދީފައެވެ.
އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނުމަށްވެސް ވަނީ ހުށަހަޅާފައެވެ.
އިތުރު އިސްލާހެއްގެ ގޮތުގައި ވަނީ މީޑިއާއިން ގެނެސްދޭ މައުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް އާ މާއްދާއެއް އިތުރުކުރުމަށެވެ. އަދި ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއިއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް އާ މާއްދާއެއް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމަށް އޭޖީ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސިލުކޮށް ހިމެނުމަށް ވެސް އޭޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ.
މި ބިލާ ގުޅޭ ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމާ ގުޅިގެން ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. ނަމަވެސް އޭޖީ އޮފީހުން ހުށަހެޅި އިޞްލާޙުތައް މީޑިއާތަކާ ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.