މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭގައި ހުރި އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިންނެވެ.
އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މި އޮޕަރޭޝަންތަކުގެ މުހިންމު މަޤްސަދެކެވެ.
އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަކީވެސް މި އޮޕަރޭޝަންތަކުގެ އަމާޒެކެވެ. ހައްޔަރުކުރެވުނު 4 ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް އަންނަނީ ޤަވާއިދުން ކުރިއަށް ގެންދަމުންނެވެ.