ސްޓޭޓް އިލެކްޓިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށް އާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ.
މުޒްނާ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު އާމިރު ވަކިކުރުމަށްފަހުއެވެ. އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުދަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޕީސީބީން ބުނީ، ސްޓެލްކޯގެ ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު އެ މަގާމުން ވަކިކޮށް، އެ މަގަމާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަނުކޮށްފައިވާ ކަމަށެވެ. ބޯޑަށް އައްޔަނު ކުރެވުނު އިރު މުޒްނާ ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ
މުޒްނާ ސްޓެލްކޯއާ ގުޅިވަޑައިގެންފައިވަނީ 2000 ވަނަ އަހަރު އެވެ. ޑީއެމްޑީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 28 ނޮވެމްބަރު 2023 ގަ އެވެ.
ސަރުކާރުގެ އެސްއޯއީތަކުގެ ހިންގުމަށް އެކި ބަދަލުތައް މިފަހުންވެސް ގެނެސްފައިވާއިރު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހު ރަޝީދު ވަނީ ދާދި ފަހުން އައްޔަނުކޮށްފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ބަދަލުތައް ގެނެވޭއިރު ސްޓެލްކޯ އިން ވަކި ކުރެވުނު ފަހުމީ ވަނީ ރައީސް އޮފީހުގެ މަގާމް އަކަށް ބަދަލުކޮށްފައެވެ.