ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ އައު އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
ގއ. ކަނޑުހުޅުދޫގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، މިއަދުން ފެށިގެން ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ ރައްޔިތަކު ފައިސާ ނެގުމާއި ޖަމާކުރުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިހާރު އެ އަތޮޅުގެ ކޮންމެ ރަށަކުންވެސް ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ލިބެން ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސީއީއޯ ޝަރީފްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށާއި، ނަގުދު ފައިސާ ޖަމާކުރުމާއި ނެގުމަށް ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މީގެ ކުރިން ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން އޭޓީއެމް ހުންނަ ރަށަކަށް ދަތުރުކޮށްގެން ގޮސް އެ މުއާމަލާތްތައް ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންކަމުން މިކަމުގެ ސަބަބުން ވާގޮތަކީ ވަރަށް ގިނަ ފައިސާތަކެއް ބޭންކިންގެ ނިޒާމުން ބޭރުގައި ދައުރުވަމުންދޭ. އެހެންކަމުން އޭޓީއެމްތައް ބެހެއްޓުމުން ލިބޭ އެއް ފައިދާއަކީ ރައްޔިތުންނަށް ލިބޭ ތަކުލީފުތަކެއް ހުއްޓުވުމުގެ އިތުރަށް ލިބޭ އަނެއް ފައިދާއަކީ ބޭންކިންގެ ނިޒާމުގެ ތެރެއަށް ވަރަށް ގިނަ ފައިސާތަކެއް ވަދެގެންދިއުން. އަދި ދައުރުވަމުންދިއުން," ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
މި އައު އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޭންކިންގ ޚިދުމަތްތައް ލިބި، އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.