ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓާ މަޢުލޫމާތާއި ލިޔެކިޔުންތައް ޤާނޫނީ މިންގަނޑަށް ފެއްތުމަށް މީރާއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓާ މަޢުލޫމާތާއި ލިޔެކިޔުންތައް ޤާނޫނީ މިންގަނޑަށް ފެއްތުމަށް މީރާއިން އިލްތިމާސްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރާ އޮޑިޓްތަކުގައި، ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ސިސްޓަމްތައް މެދުވެރިކޮށް ބަލަހައްޓާ މަޢުލޫމާތާއި ލިޔެކިޔުންތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭކަން ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާއާއި އިދާރީ ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން، ކޮންމެ ޓެކްސް ދައްކާ ފަރާތަކުން ވެސް އެ ފަރާތުގެ ވިޔަފާރި ހަރަކާތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތު ފުރިހަމައަށް ރިކޯޑްކޮށް ބަލަހައްޓަންޖެހެއެވެ. އަދި މި މަޢުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުމަކީ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެކެވެ.

މީރާއިން ވިދާޅުވާ ގޮތުގައި، "އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް މަޢުލޫމާތު ބަލަހައްޓާ ސޮފްޓްވެއަރތަކާއި ވަސީލަތްތައް ފަރުމާކޮށްފައި ހުންނަންވާނީ ޤާނޫނުގައި ބަޔާންކުރާ އެންމެހައި މަޢުލޫމާތު ރިކޯޑްކުރެވޭނެ ގޮތަށެވެ." އަދި ވަކި މަޢުލޫމާތަކާ ގުޅޭ ވަކި ރިޕޯޓެއް ޖެނެރޭޓްކުރަންޖެހިއްޖެ ހާލަތެއްގައި އެފަދަ ރިޕޯޓް ޖެނެރޭޓްކުރެވޭނެ ފެންވަރަށް ސިސްޓަމްތައް ހުންނަންވާނެއެވެ.

މީރާއިން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ހިމަނާ އަދަދުތަކުގެ ސައްޙަކަން ކަށަވަރުކުރެވޭ މިންވަރަށް ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާނަމަ، މީރާއިން ކުރާ އޮޑިޓްތަކުގައި އެ އަދަދުތަކަކީ ސައްޙަ އަދަދުތަކެއްކަމުގައި ބަލައިނުގަތުމުގެ ފުރުސަތު އޮވެއެވެ.

މި ކަމާ ގުޅިގެން މީރާއިން ވަނީ ހުރިހާ ވިޔަފާރިތަކަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، އެކައުންޓިންގ ސިސްޓަމްތަކާއި ޕީއޯއެސް މެޝިންތައް، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހައި މަޢުލޫމާތު ބެލެހެއްޓޭނެ ފެންވަރަށް ކޮންފިގަރކުރެވިފައި ހުރިކަން ޔަގީންކުރުމަށް އެދިވަޑައިގެންފައިވެއެވެ. އަދި މި ލިޔެކިޔުންތައް އެ ލިޔުންތައް ނިސްބަތްވާ ޓެކްސް އަހަރު ނިމޭތާ މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންޖެހޭނެކަންވެސް ހަނދުމަފުޅުކޮށް ދެއްވާފައިވެއެވެ.

މިއަދު އޮންލައިން