ނަގުދު ފައިސާ ކޮންމެ ދުވަހަކުވެސް ބޭންކަށް ޖަމާކުރުމުގެ ފުރުސަތު ހުރިހާ ރަށެއްގައިވެސް ފަހިވެފައި ނޯންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި އިއްޔެ ހުޅުވި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މާލެ އާއި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް މިހާރުވެސް ނަގުދު ފައިސާ ކޮންމެ ދުވަހަކު ބޭންކަށް ޖަމާކުރެވޭނެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
"މަހަށް ގޮސް ލިބޭ ފައިސާ ބަހާލުމުން އެ ފައިސާ އެ މަސްވެރިންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމު ނޯންނަންވީ ސަބަބެއް ނެތް،" ވަޒީރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ވިޔަފާރިވެރިންނަށްވެސް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގައިގެން ޚަރަދުކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ސަރުކާރުން ކުރިއަށްގެންދާ އޭޓީއެމްގެ ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ ރަށްރަށުގެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.