ރާއްޖެ އާއި ބޭރު ޤައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފައްދައި ވިއްކުމުގެ ވިސްނުން އެބަހުރި: ޝިމާދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރާއްޖެ އާއި ބޭރު ޤައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފައްދައި ވިއްކުމުގެ ވިސްނުން އެބަހުރި: ޝިމާދު

ރާއްޖެ އާއި ބޭރު ޤައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފައްދައި ވިއްކުމުގެ ވިސްނުން އެބަހުރި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެއްގައި ޝިމާދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކުމުގެ ވިސްނުން ހުރިކަމަށާއި، ދުރު ރާސްތާގެ ޕްލޭންގެ ދަށުން ބޭރު ޤައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފައްދައި ރާއްޖެ އެތެރެކުރުމުގެ ވިސްނުންވެސް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފާޓިލިޓީ ހުރި މިންވަރަށް ބަލާފައި އެބަހުރި ރާއްޖޭގައި ހެއްދިދާނެ ތަކެތިވެސް. ކުކުޅު ފާމުތައް ހަދައިގެން ބިސް ފޯރުކޮށްދެވިދާނެ،" ޝިމާދު ވިދާޅުވިއެވެ.

އެސްޓީއޯއިން ޝިޕްމެންޓްތައް ގެންނަން ފަށާ ހިސާބުން މުޅި ބާޒާރުގައިވެސް ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރެވޭ ކަމަށް ޝިމާދު ވިދާޅުވިއެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި ޒަމާނީ ދެ ގުދަނެއް ތަރައްޤީކޮށް މިހާރުވެސް ބޭނުންކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ނިންމަވާފައެވެ.

މި ނިންމެވުމަކީ މިހާރު ބައެއް ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީގެ އަގުތައް މައްޗަށް ގޮސްފައިވާތީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ތަކުލީފު ލުއިކޮށްދިނުމަށް އަޅުއްވާފައިވާ ފިޔަވަޅެކެވެ.

މިއަދު އޮންލައިން