މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު މިއަދު ވަނީ ފަށައިފައެވެ. މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދެވެ.
މި މައުރަޒަކީ ދިވެހި ލިޔުންތެރިންނާއި ދިވެހި އުފެއްދުންތެރިކަމުގެ ފޮތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ މައުރަޒެކެވެ. މައުރަޒުގައި ބައިވެރިވެފައިވަނީ 33 ފަރާތެކެވެ. މައުރަޒުގައި ހުންނާނީ މުޅިންވެސް ދިވެހި ލިޔުންތެރިންގެ ފޮތްތަކެވެ.
އެމްއެންޔޫއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މައުރަޒު ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށެވެ. އެއީ ހަވީރު 4:00 އިން އިރުއޮއްސުމާ ހަމައަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މި މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ލިޔުންތެރިންނާއި ފޮތް ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދީފައިވުމެވެ. މީގެއިތުރުން، އާންމުންނަށް އެއްތަނަކުން އެކި ބާވަތްތަކުގެ ފޮތްތައް ފޯރުކޮށްދިނުމަކީވެސް މި މައުރަޒުގެ މުހިންމު މަޤުޞަދެއްކަމަށް އެމްއެންޔޫއިން ވަނީ ފާހަގަކުރައްވާފައެވެ.
މި މައުރަޒަކީ ދިވެހި ފޮތްތަކަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، ދިވެހި ލިޔުންތެރިންގެ އުފެއްދުންތައް ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމަށް މަގުފަހިކޮށްދޭނެ ފުރުޞަތެއްކަމަށް ބެލެވެއެވެ.