ހުޅުމާލޭގައި ހިލޭ ޤުރުއާން އުނގަންނައިދިނުމާއި، ދީނީ އަދި އިޖްތިމާޢީ ކަންކަން އިތުރަށް ކުރިއެރުވުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ. އަދި އަލް އަސްރު ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހެވެ.
މި އެއްބަސްވުމުގެ ދަށުން، އަލް އަސްރު ޖަމިއްޔާއިން ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ދީނީ ދަރުސްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރުއާން ސެޝަން ކުރިއަށް ގެންދެވޭއިރު، ކޮންމެ ސެޝަނެއްގައި 15 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެޗްޑީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ސޮއިކުރެވުނު މި އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާލެވުނު އިތުރު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްޞަކޮށް ޅަފުރައިގެ ކުދިންނަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.