މިނިވަން ނޫސްވެރިކަމުގެ ހައްގު އަދާކުރާނީ އެހެން މީހުންގެ ހައްގުތައްވެސް ރައްކާތެރިކޮށްގެން: ބަންޑާރަނައިބް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 50ސ
މިނިވަން ނޫސްވެރިކަމުގެ ހައްގު އަދާކުރާނީ އެހެން މީހުންގެ ހައްގުތައްވެސް ރައްކާތެރިކޮށްގެން: ބަންޑާރަނައިބް

ގާނޫނު އަސާސީން ނޫސްވެރިންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީނަމަވެސް، އެ ހައްގު ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތައް ރައްކާތެރިކޮށް އިހުތިރާމްކޮށްގެން ކަމަށް ބަންޑާރަނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެހެން މީހުންނާއި ގުޅޭގޮތުން ދޮގުވާހަކަ ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ނޫސްވެރިންނަށް ލިބިދޭ ބާރެއް ނޫން ކަމަށްވެސް އުޝާމް ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުމަކީ ރާއްޖޭގެ ގިނަ ނޫސްވެރިންނާއި ރައްޔިތުންވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް ގަބޫލުކުރާ ކަމަށެވެ. ގާނޫނު އަސާސީގައި ނޫސްވެރިންނަށް ލިބިފައިވާ ހައްގުތައް އަދާކުރުމުގައި، އަނެކުންގެ ހައްގުތައްވެސް ރައްކާތެރިކޮށް، ޒިންމާދާރުކަމާއެކީ ނޫސްވެރިކަން ކުރުމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނޫސްވެރިން ނޫސްވެރިކަމުގެ ހައްގު ބޭނުންކުރަންވާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރައްވައި އެހެން މީހުންގެ ހައްގުތަކަށްވެސް އިހުތިރާމްކޮށްގެން. އެހެން މީހުންނަށް އަނބުރު ރައްކާތެރިކުރުމުގެ ހައްގުވެސް ހަމަ ގާނޫނު އަސާސީން ލިބިދޭ. ދޮގު ހަބަރު ފަތުރާ މައްސަލައަކީ މީގެތެރެއިން އަންނަ ކަމެއް. އެމައްސަލައަކީ ހައްލު ނުލިބިފައި އޮތް މައްސަލައެއް،" ބަންޑާރަނައިބް ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާ، އަބުރަށް އަރައިގަންނަ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް އަންނަ މައްސަލައެއް ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރެއްވިނަމަވެސް، ރާއްޖޭގައި އޮތް ގާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ހައްލެއް އަދިވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. މި ބިލު މަޖިލީހަށް ހުށައެޅީ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ އަމިއްލަ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރެވެ. މި ބިލު ހުށައަޅާފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބޭގޮތަށެވެ.

ބަންޑާރަނައިބު ވިދާޅުވީ، މަޖިލީހުން މި ބިލު ހުށައެޅުމުން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ކަންކަން ހުރިތޯ ބެލުމަށް ދިރާސާކުރެވުނު ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތާ އެއްހަމަވާ ދެކަމެއް ބިލުގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބަޔާއި، މީޑިއާތައް ރެގިއުލޭޓްކުރެވޭނެ ރަނގަޅު ނިޒާމެއް އެކުލަވާލުމާ ގުޅޭ ބަޔެވެ.

ބިލުގައި ހިމެނޭ ކަންކަމަށް ބެލުމަށްފަހު، ގިނަ އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ސަރުކާރަށްވެސް ފެނުމުން، އޭޖީ އޮފީހުގެ ޤާނޫނީ ޓީމުން ކުރި ދިރާސާގައި 14 އިސްލާހެއް ގެންނަންޖެހޭކަމަށް ފެނުމާއެކު، ސަރުކާރުގެ ފަރާތުން އެ އިސްލާހުތައް ހުށައެޅީކަމަށް އުޝާމް ވިދާޅުވިއެވެ. މިހާރު އެ ބިލު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

ބަންޑާރަނައިބު ފާހަގަކުރެއްވި އެންމެ ބޮޑު އަދި މުހިންމު ބަދަލަކީ، ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދަޢުރެއް ނޯންނަގޮތަށް ބަދަލުކުރުމެވެ. މިހާރު ބިލުގައި އޮތްގޮތުން ތިން މެންބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ހުށައަޅާ ނަންތަކަކަށެވެ. ސަރުކާރުން އެބައި އުނިކުރުމަށް ވަނީ ހުށައަޅާފައެވެ.

މީގެއިތުރުން، މެންބަރުން މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭގޮތަށް އޮތް އޮތުންވެސް ވަނީ އުނިކޮށް، މީޑިއާތަކުގެ ފެންނަ ނުފެންނަ ވޯޓަކުން، މެންބަރުން އައްޔަނުކުރުމާއި، މެންބަރުން ވަކިކުރުމުގެ ކަންކަން ގެންދެވޭގޮތަށް ސަރުކާރުން ހުށައަޅާފައިވެއެވެ.

"ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ދުރުކުރުމުގައި ރައީސްގެ އެއްވެސް ދަޢުރެއް ނޯންނާނެ. 17، 19، 20 ވަނަ މާއްދާއަށް މި އިސްލާހުތައް ހުށައެޅިން. އެއީ ނޫސްވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ،" ބަންޑާރަނައިބު އުޝާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މީޑިއާގެ ކަންކަމަށް ބާރު ފޯރުވުމަށް ބޭނުންފުޅުނުވާ ކަމަށާއި، މިކަން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައިވެސް ސާފުކޮށްދެއްވާފައިވާ ކަމަށެވެ.

އިތުރު މުހިންމު އިސްލާހުތައް

ސަރުކާރުން ދެން އެންމެ އިސްކަންދޭ އިސްލާހެއްގެ ގޮތުގައި ހުށައެޅީ އިސްލާމް ދީނާ ޚިލާފު ކަންކަމާއި، ބަދުއަޙުލާގީ ކަންކަން އަދި ދަށު ދަރަޖައިގެ ޢަމަލުތައް ހުއްޓުމާ ގުޅޭ ބައެއްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. މީގެއިތުރުން، ވަކިވަކި ނޫސްވެރިންނާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް ބައިވެސް އުނިކުރުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ.

އިތުރު ކަންކަމުގެ ގޮތުގައި، އެޑިޓަރެއްގެ ކޮލިފިކޭޝަނެއް އޮތުމާއި، ކޮމިޝަނަށް ސަރުކާރުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާ ގުޅޭ އިސްލާހުތައްވެސް ހިމެނެއެވެ. މައްސަލަތައް ބެލުމާ ގުޅޭ މާއްދާގައި، މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތްތައް ތަފްސީލްކޮށްދިނުމަށް ހުށައަޅާފައިވާކަމަށް އޭޖީ ވިދާޅުވިއެވެ. އަދި ބައެއް ދޭހަވާގޮތަށް ހުރި މާނަކުރުންތައް އިސްލާހުކުރުމަށްވެސް ހުށައަޅާފައިވެއެވެ.

އޭޖީ ވިދާޅުވީ 19 ވަނަ މަޖިލީހުގައިވެސް އޭރުގެ ސަރުކާރުން މީޑިއާ ބިލެއް ހުށައެޅި ކަމަށާއި، އޭގައި އޮތީ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އަދި އިންފޮމޭޝަން ކޮމިޝަން އެއްކޮށްލުމަށްކަމަށެވެ. އޭރު ނިންމީ ބިލެއް ފަރުމާކޮށް ސަރުކާރުން ހުށައެޅުމަށްކަމަށް ވިޔަސް، ކުރީ ސަރުކާރުގައި އެކަން ނުކޮށް އޮއްވާ، މި ސަރުކާރު އައިސް މީޑިއާ ބިލެއްގެ މަސައްކަތް ކުރަމުން ދަނިކޮށް، މިކަމާ ގުޅޭ ބިލެއް އަމިއްލަ މެންބަރަކު ހުށައެޅީކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން މިހާރު ދިރާސާކުރަމުންދާ ބިލާއިމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން، ބިލުގައި ހިމެނޭ ކަންކަން އޭޖީ އޮފީހުގެ ގާނޫނީ ޓީމުން ބެލުމަށްފަހު 14 އިސްލާހެއް ގެންނަން ފެނުމުން އެ އިސްލާހުތައް ހުށައެޅީ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި އިސްލާހުތަކާއެކު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވަނީ ޔަގީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން