މީޑިއާ ރެގިއުލޭޝަން މަސައްކަތް މިކުރަނީ ނޫސްވެރިންގެ ހައްގުގައި: އަސްވާޑް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 2ސ
މީޑިއާ ރެގިއުލޭޝަން މަސައްކަތް މިކުރަނީ ނޫސްވެރިންގެ ހައްގުގައި: އަސްވާޑް

މީޑިއާ ރެގިއުލޭޝަން ބިލަށް އެޓޯނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއިއެކު، އެ ބިލު ވަރަށް ބޮޑަށް ރަނގަޅުވެ، މީޑިއާ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށާއި މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ނޫސްވެރިންގެ ހައްގުގައި ކަމަށް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އިބްރާހިމް ވަހީދު އަސްވާޑް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އަސްވާޑް ވަނީ، އެ މަސައްކަތްތައް ކުރައްވަނީ މީޑިއާތަކާއި ނޫސްވެރިންގެ ހައްގުގައި ކަމަށާއި، އަދި މީޑިއާތަކަށް ނުވަތަ ނޫސްވެރިންނަށް ގެއްލުންވާފަދަ އެއްވެސް ކަމަކަށް އެއްބާރުލުން ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅިގެން ގިނަ ނޫސްވެރިންގެ މެދުގައި ކަންބޮޑުވުމެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ ދުވަހެއްގައިވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ކަމަށާއި، ރާއްޖޭގެ ނޫސްވެރިންގެ ދަފްތަރު ބަލަހައްޓަމުންދަނީ އެ މިނިސްޓްރީން ކަމަށްވެސް އަސްވާޑް ފާހަގަކުރެއްވިއެވެ. ނަމަވެސް ބިލާއި ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ވެސް އަމިއްލަ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އިސްލާހުތަކެއް ގެންނަން ހުރިކަން ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ހަމަ ޖުމްލަކޮށް އަޅުގަނޑު ދަންނަވާނީ އެންމެ ޑިމާންޑެއް ފިޔަވާ ހުރިހާ ކަމަކަށް އަޅުގަނޑަށް ހީވަނީ ހައްލު ލިބޭނެހެން. އެބޭފުޅުންގެ އެންމެ ބޮޑު އެއް ކަމަކަށް މިއޮތީ ބިލު ބޭރުކުރުން." އަސްވާޑު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މުހިންމު ނުކުތާއެއް ފާހަގަކުރައްވަމުން މިނިސްޓަރ އަސްވާޑް ވިދާޅުވީ، މިއީ ދިވެހި ސަރުކާރުން ހުށައަޅާފައިވާ ބިލެއް ނޫންކަމަށެވެ. އަދި އޭޖީ އޮފީހުން ނުވަތަ ރައީސް އޮފީހުން އަދި ޔޫތު މިނިސްޓްރީންވެސް މަޖިލީހަށް ފޮނުވި ބިލެއް ނޫންކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. މި ބިލު މަޖިލީހަށް ފޮނުވާފައިވަނީ މިނިވަން ހައިސިއްޔަތެއްގައި ހުންނެވި މަޖިލީހުގެ މެންބަރެއް ކަމަށެވެ. މީގެ ކުރިންވެސް އަމިއްލަ މެންބަރަކު މިފަދަ ބިލެއް ފޮނުއްވުމުން، އޭޖީ އަރިހުގައި ރާއްޖޭގެ ނޫސްވެރިން އެކަމާއި ކަންބޮޑުވުން ފާޅުކުރުމުން، ބިލު މަޖިލީހުން ނަގާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މީކީ ދިވެހި ސަރުކާރުން ހުށަހެޅި ބިލެއް ނޫން. އޭޖީން ފަރުމާކުރެއްވި ބިލެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ބިލެއް ނޫން. އަޅުގަނޑުމެން ފޮނުއްވި ބިލެއް ނޫން. މިއީ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މިނިވަން މެންބަރަކު ފޮނުވައިގެން އުޅޭ ބިލެއް." އަސްވާޑު ވިދާޅުވިއެވެ.

އޭރު ނޫސްވެރިން އެދުނީ ވަގުތު ދިނުމަށް ކަމަށާއި، އަނެއްކާވެސް ވަގުތުތަކެއް ދިނުމަށް އެދިވަޑައިގެންފައިވާކަމަށް މިނިސްޓަރ އިޝާރާތްކުރެއްވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ބިލު ހުށައެޅި ދުވަހާއި މިހާރު ބިލެއް ހުށައެޅިގެންދިޔަ މުއްދަތާއި ދެމެދުވެސް ހަ މަސް ދުވަސް ހޭދަވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީޑިއާ ރެގިއުލޭޝަންގެ ވާހަކަތަކާއި މީޑިއާ ކޮމިޝަން ހެދުމުގެ ވާހަކަތައް ދެކެވެން ފެށީ އިއްޔެ ނޫނީ މިއަދު ނޫންކަން އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ. އެމަނިކުފާނު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށްވެސް ނޫސްވެރިކަން ކުރައްވަމުން އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވާ ހަމައެކަނި ރައީސްއެއްގެ ގޮތުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދުކަން މިނިސްޓަރ އަސްވާޑް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު މި މަސައްކަތްތައް ކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާފައިނުވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި އެއްފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުން އޭރުވެސް ނޫސްވެރިން ވަގުތުތަކެއް ބޭނުންވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިން ކަންކަން ދިރާސާކުރުން މުހިންމު ކަމަށާއި، ބިލަށް އޭޖީ އޮފީހުން ހުށައަޅާފައިވާ އިސްލާހުތަކާއިއެކު އެތައް ގުނައެއް ބިލު ރަނގަޅުވާނެ ކަމަށެވެ.

ވަޒީރު ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އުވާލަން ނިންމިކަމަށް އިޝާރާތްކުރައްވާފައެވެ. އޭރު މަސައްކަތްތަކުގެ އަމާޒަކަށް ވެގެންދިޔައީ އައިކޮމްއާއި ބްރޯޑްކޮމް އަދި މީޑިއާ ކައުންސިލުވެސް އެއްކޮށްލުން ކަމަށް މިނިސްޓަރ އަސްވާޑް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯޓު ދެއްވީ އޭރު ނައިބު މުގައްރިރެއްގެ މަގާމުގައި އިންނެވި މެންބަރު މީކާއިލް އަހުމަދު ނަސީމް ކަމަށެވެ. ނަމަވެސް މިއަދު މީކާއިލް ދަނީ ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ކަމަށްވެސް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.

މިއަދު އޮންލައިން