އިސްރަށްވެހިންގެ ނާދީއަކީ، އިސްރަށްވެހިންގެ ޖިސްމާނީ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ގިނަ ހަރަކާތްތައް ރާވައިގެން ކުރިއަށްގެންދާ މަރުކަޒުތަކެއް ކަމުގައި މާލެ އިސްރަށްވެހިންގެ ނާދީގެ ސީނިއަރ އެޑްމިނިސްޓްރޭޓީވް އޮފިސަރ ޢާއިޝަތު އަލީ ރަޝީދު ވިދާޅުވެއްޖެއެވެ.
ޢާއިޝާ މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި އިސްރަށްވެހިންގެ ނާދީއިން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. އެގޮތުން، ނާދީގައި ހިންގާ ހަރަކާތްކަކީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކޮށް، އެފަރާތްތަކަކީ ވެސް ކަންކަމުގައި ޝާމިލުވާ ޤަދަރުވެރި ބަޔަކަށް ހެދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމުގައި އާއިޝާވަނީ ފާހަގަކުރައްވާފައެވެ.
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ނާދީތަކުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާކަމަށާއި، އޭގެތެރޭގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ތަފާތު އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ކުލާސްތަކާއި، އެކި އެކި ޖަމްޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެންވެސް ތަފާތު ހަރަކާތްތައް ނާދީތަކުގައި ކުރިއަށް ގެންދާކަމުގައި ޢާއިޝާވަނީ ވިދާޅުވެފައެވެ.
"އިސްރަށްވެހިންގެ ނާދީތަކުގައި ކެންސަރ ސްކްރީނިން ފަދަ ޕްރޮގްރާމްތައް ވެސް އެބަ ހިންގަން، އަދި ޑިމެންޝިއާރ އާއި ބެހޭ މަޢުލޫމާތު ދިނުމާއި، ޑިޖިޓަލް ލިޓްރަސީފަދަ މުހިންމު ސެޝަންތައްވެސް ކުރިއަށްގެންދަން. އަދި ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާއި އެއާއި ގުޅޭ މުހިންމު މަޢުލޫމާތު ސެޝަންތައް ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން އެބަ ކުރިއަށް ގެންދަން." އާއިޝަތު ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް އިސްރަށްވެހިންގެ ނާދީގައި 300 އަށް ވުރެ ގިނަ ފަރާތްތަކުން ރެޖިސްޓްރީކޮށްފައިވާކަމަށާއި، ދުވާލަކު 70 އަށް ވުރެ ގިނަ މީހުން ނާދީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވާކަމުގައި. އަދި ނާދީގައި ހިންގާ ބޮޑެތި ހަރަކާތްތަކުގައި 100 އަށް ވުރެން ގިނަ އިސްރަށްވެހިން ބައިވެރިވާކަމުގައި އައިޝާވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.
އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، މާލެ އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިސްރަށްވެހިންގެ ނާދީ މިހާރު ވަނީ ޤާއިމުކުރެވިފައެވެ. އަދި އަތޮޅުތެރޭގައި ވެސް އިސްރަށްވެހިންނަށް ހާއްސަ ޖާގަތައް ގާއިމުކުރުމަށް ކައުންސިލްތަކާއި އެކު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ހަމައެހެންމެ، އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ތަމްރީން ޕްރޮގްރާމެއް ވެސް މި ވުޒާރާގެ ފަރާތުންވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭއިރު، ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ ގުޅިގެން ޚިދުމަތް ފޯރުކޮށްދޭނެ ގޮތާއި، ރާވައިގެން އިސްރަށްވެހިންގެ ނާދީތަކުގައި ޚާއްޞަ ހަރަކާތްތައް ހިންގާނެ ގޮތާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.