މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން ނެރެފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 73 މިލިޔަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޮގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 7.4 މިލިޔަން ރުފިޔާއެވެ.

އިތުރު މުހިންމު ކަމެއްގެ ގޮތުގައި، މުދަލު ޒަކާތުގެ ނިޞާބަށް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އިޞްލާޙެއް ގެނެވިފައެވެ. މި އިޞްލާޙާ އެކު، ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ވަނީ 11,191.95 ރުފިޔާއަށް މަތިވެފައެވެ. މިއީ ރިހީގެ ގްރާމަކަށް 18.81 ރުފިޔާގެ ރޭޓުން 595 ގްރާމަށް ޖެހޭ އަދަދެވެ.

މީގެ ކުރިން މުދަލު ޒަކާތުގެ ނިޞާބު ހުރީ 9,264.15 ރުފިޔާގައެވެ. މި ބަދަލާއެކު ޒަކާތުގެ ނިޞާބަށް ވަނީ 1,927.80 ރުފިޔާގެ އިތުރުވުމެއް އައިސްފައެވެ.

މިއަދު އޮންލައިން