ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަކީވެސް މުހިންމުކަމެއް: ވަޒީރު މޫސާ ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަކީވެސް މުހިންމުކަމެއް: ވަޒީރު މޫސާ ޒަމީރު

ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަކީވެސް މުހިންމުކަމެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި 'މޯލްޑިވްސް ފައިނޭންސް ފޯރަމް' ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެތެރޭގެ އަމްދަނީގެ ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމައެކަނި ޕަބްލިކް ފައިނޭންސިންގ މެދުވެރިކޮށް ހޯދުމަކީ ކުރަން އުނދަގޫ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިކަންކަން ހައްލުކުރުމަށް ކެޕިޓަލް މާކެޓެއް މުހިންމު. އެގޮތުން ދިގު މުއްދަތަށް ރައްކާކުރާ ފައިސާ އިންވެސްޓްކުރާނެ ގޮތްތަކާއި، ފައިނޭންސިންގެ ފުރުސަތުތައް ފުޅާކޮށް، އިޤްތިޞާދުގެ ވިލުންތެރިކަން އިތުރުކުރުމަށް ކެޕިޓަލް މާކެޓް މުހިންމު ދައުރެއް އަދާކުރޭ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ތަފާތު އިންވެސްޓްމެންޓް ޕްރޮޑަކްޓްތައް ތަޢާރަފްކޮށް އިތުރު ފުރުސަތުތައް ހުޅުވާލަން ޖެހެއެވެ. އަދި ދެމެހެއްޓެނިވި ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލެވިފައިވާ ބޮންޑާއި ސުކޫކް، އަދި ފެހި އަދި ނޫ ބޮންޑުތަކުގައި އިންވެސްޓު ކުރުމުގެ ފުރުސަތުތައް ޤާއިމްކުރަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަންހެނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ބޭނުންވާ ކެޕިޓަލް ފަސޭހައިން ހޯދައިދެވޭނެ މަގު ފަހިކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ. މިކަމަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން